ގެފުޅުގެ ދޮރުކޮޅުގެ ވާތްފަރާތުގައިވާ ކަނުގައި ހުންނަ ހަޖަރުލް އަސްވަދުގެ ވަރަށް ކައިރިން ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފިއެވެ.

ހަޖަރުލް އަސްވަދަކީ ގިނި ހިލައެކެވެ. އުޑުން ފޭބި ހިލައެކޭ އަރަބިން ގަބޫލް ކުރަނީ މިހެންވެއެވެ. މުސްލިމުން ގަބޫލް ކުރާގޮތުގައި މިއީ ޖިބްރީލްގެފާނު އިސްމާއިލް ގެފާނަށް ގެފުޅު ބިނާ ކުރިން ދިން ހިލައެކެވެ. ހިޖްރައިން 4 ވަނަ ގަރުނުގައި، ގަރްމަތީން މި ހިލަ ވަގަށް ނެގުމަށްފަހު ހަޖަރުލް އަސްވަދު އަނބުރާ ލިބުނީ އަހަރުތަކެއް ފަހުން ކަމަށް މައުލޫމާތު ތަކުގައި ވެއެވެ.

ހަޖަރުލް އަސްވަދަށް ބޮސްދީ އޭގައި ބީހިލާން ބޭނުންވާ މީހުންގެ ގިނަކަމުން، އެތަނަށް ދެވޭ މީހަކަށް ވެސް މީގެ ކުރިން އެހާ ސާފު ރީތި ފޮޓޯއެއް ނެގިފައެއް ނެތެވެ. އެކަމަކު، މިފަހަރު މިވަނީ ވަރަށް ރީތި އަދި ސާފު ފޮޓޯއެއް ފެނިފައެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެންމެ ފޮޓޯ ގަނޑެއް ނެގުމަށް ހަތް ގަޑިއިރު ހޭދަވެފައިވެއެވެ. އެއީ އެންމެ ހައި ރިސޮލިއުޝަން ފޮޓޯއެކެވެ.

އެގޮތުން 49,000 މެގަޕިކްސެލްގެ މި ފޮޓޯ ޑިވެލޮޕް ކުރަން 50 ގަޑިއިރު ހޭދަވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަޖަރުލް އަސްވަދުގެ ނަމުން ނަން ދެވިފައިވާ ކަޅު ހިލަ އަކީ ކައުބާގެ ކަނެއްގައި ބިމަށް ވުރެ މީޓަރެއް މަތީގައި އަޅި ކުލައިން ފްރޭމް ކޮށްފައިވާ ހިލައެކެވެ.

އުމްރާއާއި ހައްޖު ވުމުގައި ކޮންމެ ތޮއާފެއް ނިންމުމަށް ފަހު މި ހިލައިގައި އަތް ބީއްސާލައެވެ. ނަމަވެސް، ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް އެ މާތް ބިމަށް އެއްވެފައި ވުމުން އެންމެންނަށް އެ ފުރުސަތެއް ނުލިބެއެވެ. ފުރުސަތު ނުލިބޭ މީހުން ދުރުގައި ހުރެ ހަޖަރުލް އަސްވަދާއި ދިމާލަށް ހަނާއަޅާލައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    އަރަބިން އެއީ އުޑުން ގެންނެވި ހިލައެއްކަމަށް ގަބޫލި ކުރަނީ އެއީ ގިނިހިލަ އަކަށްވީމަ އެއްނޫން...އެއީ ޖިބްރީލްގެފާނު އުޑުން ގެންނަވައި އިބުރާހިމްގެ ފާނަށް އަށް ދެއްވެވީމަ...
    ހަޖަރުލް އަސްވަދުގެ ނަން ކިޔަނީ ހުދު ހިލަ އަކަށް...އެ ހިލަ ކަޅުވަނީ އިންސާނުން ނުބައި ވާ ވަރަކުން...އެއީ ކަޅުހިލަ އެކޭ ބުނުމުގެ ހައްގެއް ނޯންނާނެ....

    24
    5