ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނައްޓާލާފައި އޮތް އިންޑިއާގައި މިހާރު އޮކްސިޖަން ބޭނުންވެ، އޮކްސިޖަން ނުލިބި އިންޑިއާގައި ހަތްލައްކައެއްހާ ކޮވިޑް ބަލި މީހުން މިހާރު ތިބޭނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފިއެވެ.

އިންޑިއާގެ "ޓައިމްސް" ގައި ތަޖުރިބާކާރުންނާއި ހަވާލާދީ ބުނެފައި ވަނީ އެގައުމުގައި މިހާރު ތިބި ކޮވިޑް ބަލި މީހުންގެ ތެރެއިން ލައްކައެއްހާ ބަލި މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި ނަމަވެސް އައިސީޔޫއެއް ނެތުމުން ފަރުވާ ނުދެވިފައި ތިބޭނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. މިއީ އޮކްސިޖަން ބޭނުންވާ ހަތްލައްކައެއްހާ މީހުންގެ ތެރޭގައި ހިމެނޭ ލައްކައެއްހާ މީހުން ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް ޖެހޭ އިންޑިއާ މީހުންގެ ތެރެއިން %80 މީހުންގެ ގައިން ފެންނަނީ ވަރަށް ކުދިކުދި އަލާމާތްތައް ކަމަށެވެ. އެހެންކަމުން އެމީހުންނަށް ފަރުވާ ދިނުމަށް އޮކްސިޖަން ބޭނުމެއް ނުވެއެވެ. އޮކްސިޖަން ދޭން ޖެހެނީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން %17 މީހުންނަށް ކަމަށާއި އަދި %3 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިދިޔަ ހަފްތާގެ ބައެއް ދުވަސް ދުވަހު ވަނީ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ވެސް އެއްދުވަސް ތެރޭގައި ކޮވިޑަށް ފައްސިވެފައެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އެއްދުވަސް ތެރޭގައި މިހައި ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.

އިންޑިއާގެ ހާލަތު ކޮންޓްރޯލް ކުރުމަށް ބައެއް ސްޓޭޓްތަކުގައި ވަނީ މިހާރު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް މިމަހުގެ ފުރަތަމަ ދެހަފްތާ ނިމެންދެން އިންޑިއާގެ ހާލަތު އިތުރަށް ގޯސްވަމުން ދާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު