ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިއްޔެ ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 3786 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިއީ ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވިކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ކޮވިޑް-19 ގައި އިންޑިއާއިން އިއްޔެ ރެކޯޑް އަދަދަކަށް މީހުން މަރުވެފައި ވާއިރު، އެޤައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ ޢަދަދު 226,169 އަށް އަރައެވެ. އިންޑިއާއަކީ އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

އިއްޔެ އިތުރު އެތައް ސަތޭކަ ބަޔަކު އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވިއިރު އެޤައުމުން އިތުރު އެތައް ހާސް ބަޔަކަށް އަލަށް މި ބަލި ޖެހިފައި ވެސް ވެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 382,691 ފައްސި ވޭދަނަ (ޕޮޒިޓިވް ކޭސް) އެޤައުމުން ރެކޯޑް ކުރެވުނެވެ. މިއީ މިހާތަނަށް އެޤައުމުން ތިންވަނައަށް އެންމެ ގިނަބަޔަކު ފައްސިވީ ފަހަރެވެ.

މިއާއެކު އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު އުޅެނީ 20.6 މިލިއަނަށްވުރެ މަތީގައެވެ.

އިންޑިއާއަކީ މިވަގުތު އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ. އެޤައުމުގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވާއިރު، ރެކޯޑް ކުރެވޭ އަދަދުތަކަށްވުރެ ފައްސި އާއި މަރުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 16.9 މިލިއަން މީހުންނެވެ. އެހެންކަމުން އަދިވެސް އެޤައުމުގައި 4.3 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބައްޔަށް ފަރުވާދެމުން ދެއެވެ. މީގެ ތެރެއިން އެތައް ހާސް ބަޔަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެޤައުމުން މަރުވާ މީހުންގެ ޢަދަދުތައް އިތުރުވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 ގައި އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ، އެޤައުމުން ވަސީލަތްތައް ހުސްވެ ގިނަ ބަޔަކަށް ފަރުވާ ނުދެވިވެސް އެބަތިއްބެވެ. ޚާއްސަކޮށް ހޮސްޕިޓަލްތައް ފުރި އޮކްސިޖެން ނުލިބުމުގެ ސަބަބުން އެޤައުމުގައި ކޮވިޑް ބަލީގެ ގިނަ ބައެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.

އިންޑިއާގެ ހާލަތު ގޯސްވަމުން އަންނާތީ އެޤައުމުން ވަނީ ބައިނަލްއަޤުވާމީ އެހީއަށްވެސް އެދިފައެވެ. އަދި ބައެއް ބޮޑެތި ޤައުމުތަކުން މިހާރުވެސް އަންނަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.