އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އަލްނަހްޔާން މަޝްވަރާ ކުރައްވައިފިއެވެ.

ދެ ބޭފުޅުން ފޯނުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި އެމެރިކާ އާއި ޔޫއޭއީގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުންނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ފެތުރިފައިވާ ކޮވިޑް-19 ގެ ބިރުވެރިކަމާ ބެހޭ ގޮތުން ހިމެނެއެވެ.

ދެ ލީޑަރުންގެ ދެމެދުގައި ތިމާވެށި ހިމާޔަތް ކުރުމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ވިޔަފާރީގެ ބައެއް މަޝްވަރާތައް ވެސް ކުރެވިފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި އަފްޣާނިސްތާން އަދި އީރާންގެ ސަބަބުން ސަރަހައްދަށް ފެތުރިފައި އޮތް ބިރުވެރިކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބައިޑެން އާއި ޝެއިހް މުހަންމަދުގެ ވާހަކައިގައި މެދުއިރުމައްޗާއި، އެފްރިކާ އަދި އަރަބިއަން ގަލްފް ސަރަހައްދުގެ ކަންކަމަށް އަލިއަޅުވާލާ މަޝްވަރާގެ ތެރޭގައި ހިމަނާލައިފައިވެއެވެ. ދެފަރާތުން ވެސް ކުރިޔަށް އޮތް ދުވަސްތަކަށް ވިސްނާލާއިރު، ކަންބޮޑުވާ ބައެއް ކަންތައްތައް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން، ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމު ކުރުމަށް ހުރި ހުރަސްތަކާއި ވަކި ބައެއްގެ ސަބަބުން ދުނިޔޭގެ މަސްލަހަތު ފުށުއެރުން ބޮޑު މައްސަލައަކަށް ވެފައިވާކަން ދެބޭފުޅުން ވެސް ފާހަގަ ކުރެއްވިއެވެ.

ވައިޓްހައުސްއިން ބުނީ ގައުމުތަކުގެ މެދުގައިވާ ގުޅުން ދެމެހެއްޓުމަށް އިސްކަމެއް ދިނުމުގެ ގޮތުން ޔޫއޭއީއިން އިޒްރޭލާއެކު ގެންގުޅޭ ސިޔާސަތުތަކަށް ބައިޑެން ތަރުހީބު ދެއްވާ، ތާއީދު ކުރައްވާނެ ކަމަށެވެ.

މެދުއިރުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން އެހީތެރި ވެދެއްވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވަނީ ޔޫއޭއީގެ މިނިވަން 50 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޔޫއޭއީއަށް ފޮނުވައިފައެވެ.