އިރާގުގައި ބަޣުދާދްގައި ހުންނަ އިބްނު އަލް ހަތީބް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފިއެވެ.

ހެލްތު މިނިސްޓަރު ހަސަން އައްތަމީމީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މަހު ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 82 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ މައްސަލައާއި ގުޅިގެންނެވެ. މި މައްސަލައިގެ ތަހުގީގް ނިމެންދެން އިރާގުގެ ހެލްތް މިނިސްޓަރާއި ބަޣްދާދުގެ ގަވަރުނަރު ސަސްޕެންޑް ކޮށްފައިވެއެވެ.

އަންގާރަ ދުވަހު ސަސްޕެންޑް އުވާލުމާއެކު ހަސަން އައްތަމީމީ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޮކްސިޖެން ޓޭންކެއް ގޮވައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ގިނަ އޮފިޝަލުންތަކެއްގެ ފަރުވާކުޑަކަން ފާހަގަ ވެގެން ދިޔަކަމާއި، ޒިންމާދާރު ނުވެވުނު ކަމުގެ އަދަބު އޮފިޝަލުންނަށް ދޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އިރާގުގެ ސަރުކާރުން އަންގާފައިވަނީ ހުރިހާ ހޮސްޕިޓަލަކުން ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ބެހެއްޓުމަށެވެ.

މި ހާދިސާގެ ސަބަބުން ގައުމުގެ އެތައް ބަޔަކަށް ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން ބައެއް މީހުން ކޮވިޑަށް ފައްސި ވެފައިވިޔަސް ފަރުވާ ހޯދުމަށް ސިއްހީ މަރުކަޒުތަކަށް ނުދާ ކަމަށާއި، ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހުމަށް ވެސް ދެކޮޅު ހަދާކަމަށް ބުނެފައިވެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ އިރާގުގެ ސިއްހީ މަރުކަޒު ތަކުގައި ސަލާމަތީ ރައްކާތެރިކަމުގެ ގަވާއިދަށް ސަމާލުކަން ދެވިފައިނުވާ ކަމަށެވެ. ހޮސްޕިޓަަށް ޒިޔާރާތް ކުރާ މީހުން އެތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށާއި، ސްމޯކް ޑިޓެކްޓާސް ހުންނަން ޖެހޭ ވަރަށް ނުހުންނަ ކަމަށް ޑޮކްޓަރުން ޝަކުވާ ކޮށްފައިވެއެެވެ.