ސީރިއަލް އަޅާ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅުނު މީހަކު ދުބާއީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ބުނީ ހައްޔަރުކުރި މީހާގެ އަތުން ގާތްގަނޑަކަށް 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

ދުބައި ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު އަތުލައިގަތީ އެތަކެތި ދުބާއީ އަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މަސްތުވާތަކެއްޗާއި އެކު އަތުލައިގަނެފައި ވަނީ އޭޝިޔާގެ ދަތުރުވެރިއެއްގެ އަތުންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިތަކެތި ހިފައިގެން ދަތުރުކުރި މީހާ އާއި ސުވާލުކުރުމުން އޭނާ ވަނީ އެއީ އޭނާގެ އެއްޗެހި ކަމަށް އެއްބަސްވެފައެވެ. އެ ގައުމުގެ ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަން ފަށައިފައެވެ.

ދުބާއީ ކަސްޓަމުން ދަނީ އެ ގައުމަށް މިފަދަ ގޮތްގޮތަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ގެނައުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

ކަސްޓަމުން ބުނީ އެ ގައުމަށް މިގޮތަށް އެތެރެކުރާ މަސްތުވާތަކެތި ގިނަ ފަހަރަށް ހުންނަނީ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްފައި ކަމަށެވެ. އަދި ޝޭމްޕޫ ފުޅިއަށް އަޅައިގެންނާއި ދަބަސްތަކުގެ ތިރިއަށް އަޅައިގެން އަދި ހެދުންތަކާއި އެއްކޮށްގެންވެސް އެތެރެކުރާކަމަށް ކަސްޓަމުން ބުނެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅައެވެ. ބައެއް ގައުމުތަކުން ވަކި ވަރަކަށް މަސްތުވާތަކެތި އެމީހެއްގެ އަތުން ފެނި އެކަން ސާބިތުވެއްޖެ ނަމަ މަރުގެ އަދަބުވެސް ދެއެވެ.