އިންޑިޔާގެ ވެރިކަން ކުރާ އަވަށްކަމުގައިވާ ނިއު ދިއްލީގައި އޮކްސިޖަން ނުލިބުމުގެ ސަބަބުން އެތައް ސަތޭކަ މީހުނެއް މަރުވަމުންދާ މިދަނޑިވަޅުގައި އެ ސިޓީގައި އިތުރު މައްސަލައަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ދިއްލީ ޖަލް ބޯޑު (ޑީޖޭބީ) އިން ސްޕްރީމް ކޯޓަށް ބުނެފައިވަނީ ހަރިޔާނާއިން ޕަންޖާބުން ދިއްލީއަށް ފެން ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މި ''ޝޯޓޭޖު'' ގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ދިއްލީއަށް ފެން ލިބުމުގައި ދަތިތަކާއި ކުރިމަތިވާނެ ކަމަށް ބުނެފައި ވެއެވެ.

ދިއްލީއަށް ފެން ސަޕްލައި ކުރުމުގައި ދިމާވެފައިވާ މި މައްސަލަ އަވަހަށް ހައްލު ނުކުރެވިއްޖެ ނަމަ ދިއްލީގެ ރައްޔިތުންނަށް އެތައް އުދަނގުލަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ޑީޖޭބީ އިން ބުނެފައިވެއެވެ. އަދި މީގެއިތުރުން ހޮސްޕިޓަލުތަކަށް ފެން ފޯރުކޮށްދިނުން ވެސް މެދުކަނޑާލަން ޖެހިދާނެ ކަމަށް ވެސް ފާަހަގަކޮށްފައިވެއެވެ.

ޔަމުނާ ކޯރަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ސަބަބުން އެ ސަރަހައްދުގެ ގިނަ އަވަށްތަކުގައި ބޯފެނަށް ވެސް ޖެހިފައިވެއެވެ. ދިއްލީ ވެސް ބޯފެނަށް ޖެހިފައިވާތީ ހަރިޔާނާގެ ސީއެމް މަނޯހަރު ލާލް ޚައްތަރުއަށް ޑީޖޭބީއިން ލަފާދީފައިވަނީ ފެން ދޫކުރާ މިންވަރު އިތުރުކޮށްދިނުމަށެވެ.

ޔަމުނާ ކޯރުގެ ފެނުގެ ލެވެލް ދަށްވެ ދިއްލީގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ބޭނުން ކުރަމުންދަނީ ސަޕްލައި ފެނެވެ. އެހެންކަމުން ފެން ސަޕްލައިކޮށްދިނުމުގައި މި ދިމާވި މައްސަލައިގެ ސަބަބުން ދިއްލީއަށް ބޯފެން ލިބޭނެ ފަދައެއް ނޯންނާނެއެވެ. އެކަމަށް ހައްލު ހޯދުމަށް ޑީޖޭބީއިން ދަނީ މިހާރު ވެސް މަސައްކަތް ކުރަމުންނެވެ.