އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޕައިލެޓުންނަށް ވެކްސިން ނުޖަހާނަމަ އުދުހުން ހުއްޓާލާނެ ކަމުގެ އިންޒާރު ޕައިލެޓުން ސަރުކާރަށް ދީފިއެވެ.

އެއާ އިންޑިއާ ޕައިލެޓުންގެ ޔޫނިއަން، އިންޑިއަން ކޮމާޝަލް ޕައިލެޓް އެސޯސިއޭޝަން (އައިސީޕީއޭ) އިން އަަންގާރަ ދުވަހު އެއާލައިން މެނޭޖްމެންޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގިނަ ކްރޫއިންތަކެއް ކޮވިޑަށް ފައްސި ވެފައިވުމާއި އެކު އެމީހުން އުޅެމުންދަނީ އޮކްސިޖެން ނުލިބި ވަރަށް ދަތި ހާލުގައި ކަމަށެވެ.

އެއާލައިންގެ މެނޭޖުމެންޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ، އިންޝުއަރެންސް ނެތި ފުރާނަ ނުރައްކަލަކަށް ހުށަހަޅައިގެން ދަތުރު ނުކުރާނެ ކަމަށެވެ. އެއާ އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ ކަމަށާއި، ވެކްސިން ދިނުމުގައި ހާއްސަ އިސްކަމެއް ޕައިލެޓުންނަށާއި ކްރޫއިންނަށް ނުދޭތީ އުދުހުން ހުއްޓާލާނެ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަން ޖެހޭ ބަޔަކަށް ވާއިރު، ބަލި މީހުން ގޮވައިގެން ދަތުރުކުރުމުގައި ޕައިލެޓުންނާއި ކްރޫއިންގެ ދައުރު ބޮޑެވެ. ކްރޫއިންނަކީ އެތައް ބަޔަކާއި ކޮންމެ ދަތުރެއްގައި ދިމާވާނެ ބަޔަކަށް ވާއިރު، ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ ބަޔެއްގެ ގޮތުގައި ކްރޫއިންނާއި ޕައިލެޓުން ހިމަނާފައި ނުވުމަކީ ހިތާމަކުރާ ކަމެއްގެ ގޮތުގައި އައިސީޕީއޭއިން ބުނެފައިވެއެވެ.

އެއާ އިންޑިއާގެ މެނޭޖުމެންޓަށް ފޮނުވުނު ސިޓީއާއި ގުޅިގެން އެ ކުންފުނިން ބުނެފައިވަނީ މޭ މަސް ނިމުމުގެ ކުރިން ވެކްސިން ޖަހައި ނިންމާލެވޭނެ ކަމަށެވެ. އިންޑިއާގައި އަށާރަ އަަހަރުން މަތީގެ ހުރިހާ އެންމެންނަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ވަނީ ނިންމާފައެވެ.