އިންޑިއާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ އުމަރު ފާރޫގް ވަނީ ކޮވިޑް-19ގެ ސަބަބުން އޭނާގެ ހަޔާތް މުޅިން އެއްކޮށް ބަދަލުވެފައިވާ ގޮތް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެ ބަލީގައި މަންމަ މަރުވެގެން ދިޔައިރު، ބައްޕައަށް އެކަމެއް ނޭނގެއެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ މަންމަ އާއި ބައްޕައަށް ކޮވިޑް-19 ޖެހިފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭރު މަންމަގެ އުމުރުން 53 އަހަރެވެ. ބައްޕައަށް 63 އަހަރެވެ. މީގެ އިތުރުން އޭނާ 28 އަހަރުގެ ބޭބެއަށް ވެސް ބަލި ޖެހިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މަންމައަށް ބަލި ޖެހުނުތާ ހަ ދުވަސް ފަހުން މަންމަ މަރުވެފައިވަނީ އޭނާގެ އަތް މައްޗަށެވެ. އެއިރު އޭނާގެ ބައްޕައަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލެއްގެ އައިސީޔޫގައި އެނދުމަތި ކޮށްފައެވެ.

"އަޅުގަނޑުގެ އާއިލާ ކޮވިޑަށް ފައްސިވުމާއި އެކީ ބައްޕަ ރުއީ. އަޅުގަނޑުމެންގެ ހާލަތު ވަނީ ވަރަށް ގޮސްވެފައި. ބައްޕަ އެންމެ ވިސްނީ މަންމަ އާއި މެދު" އުމަރު ބުނެފައި ވެއެވެ

އޭނާ ބުނީ، މަންމަ މަރުވިއިރު، ސިއްހީ އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށެވެ.

"އަޅުގަނޑު ފައްސިވިތާ ދެ ދުވަސް ފަހުން މަންމަ އަށް ނޭވާލާން އުނދަގޫވީ. މީގެ ކުރިން އެއްވެސް ސިއްހީ މައްސަލައެއް ނެތް މަންމަގެ. ދެން ރަހުމަތްތެރި ޑޮކްޓަރަކަށް ގުޅައިގެން ހޮސްޕިޓަލުގައި މަންމަ އެނދުމަތި ކުރީ" އުމަރު ބުންޏެވެ.

އުމަރު ބުނީ، މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން އޭނާގެ ހިތަށް އިތުރަށް އުނދަގޫވީ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ހާލަތު ބަލާފައި ކަމަށް އޭނާ ބުންޏެވެ. އޭރު މަންމަ އޮކްސިޖަން އާއި ގުޅުމަށް އެދުނު ނަމަވެސް ވަކި ތަރުތީބަކުން އެކަން ދިޔައިރު 30 ވަރަކަށް މިނެޓު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން އެކްސްރޭ އާއި ޓެސްޓްތައް ހެދުމަށްފަހު މަންމަ ނިއުމޯނިއާ ޖެހިފައިވާ ކަމަށް ބުނެ ވޯޑަށް ބަދަލު ކުރި ކަމަށާއި އޭގެ ގަޑިއިރެއް ފަހުން ވެސް ނަރުހަކު ނައިސް މަޑުކުރަން ޖެހުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނި ގޮތުގައި މަންމަ މަރުވެފައިވަނީ އެމީހުން ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ. އެގޮތުން އިންޖެކްޝަން ޖެހިތާ ދުވަސްކޮޅެއް ފަހުން މަންމަ ހަމައިގައި ނުހުންނަ ކަމަށާއި ބޭކާރު ވާހަކަ ދައްކާ ކަމަށް އޭނާ ބުންޏެވެ. އެކަމާއި ގުޅިގެން ޑޮކްޓަރު ބުނީ، އެއީ އޮކްސިޖަން ލެވެލް ދަށްވެގެން ހިނގި ކަމެއް ކަމަށް އޭނާ ބުންޏެވެ.

މަންމަ މަރުވި ވޯޑުން ކޮންމެ ދުވަހަކު ގޮތަކަށް ތިން މީހަކު މަރުވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު