އިންޑިއާގެ ވެސްޓް ބެންގާލުގައި ކުރިއަށްދިޔަ ސްޓޭޓް އިންތިހާބަށްފަހު ހިނގި ހަމަނުޖެހުމުގެ ތެރެއިން 17 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އިންތިހާބަށްފަހު ހިނގި ހަމަނުޖެހުމުގެ ތެރެއިން މަރުވެފައިވަނީ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) އަދި ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ މެންބަރުންނެވެ.

ވެސްޓް ބެންގާލް އިންތިހާބު ކުރިޔަށް ގެންގޮސްފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ އިންތިހާބުގެ ނަތީޖާ ހާމަކުރުމާއެކު ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ. ފުލުހުން ބުނީ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޓީއެމްސީ އިން ވެސްޓް ބެންގާލް ސްޓޭޓްގެ އިންތިހާބު ކާމިޔާބުކުރި މިއީ ތިންވަނަ ފަހަރެވެ. ބީޖޭޕީ އިން ތުހުމަތު ކޮށްފައިވަނީ ހަމަނުޖެހުން ހިންގަން މެދުވެރި ވެފައިވަނީ ޓީއެމްސީގެ މެމްބަރުން ބީޖޭޕީގެ މެެމްބަރުންނަށް ބަހުގެ ހަމަލާތައް އަމާޒުކޮށް, އަދި އެހެން ގޮތް ގޮތުން ހަމަލާ ދިނުމުންނެވެ. ނަމަވެސް މި ތުހުމަތުތައް ޓީއެމްސީ އިން ދޮގުކުރެއެވެ.

އިންޑިއާގެ ވެސްޓް ބެންގާލް އިންތިހާބަށް ފަހު ހިނގި ހަމަނުޖެހުމުގެ ތެރެއިން ދެޕާޓީއަށް ނިސްބަތްވާ މީހުންގެ މުދަލަށާއި ވިޔަފާރިތަކަށް ގެއްލުން ލިބިފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ދެޕާޓީގެ މެދުގައި އޮތް ކޯޅުން ގަނޑުގެ އިމާރާތް ތަކުގައި ހުޅުޖެހުން ފަދަ އަަމަލުތައް ހިންގާފައިވެއެވެ.

އިންތިހާބު ވެފައިވާ ޗީފް މިނިސްޓަރު މަމަޓާ ބެނާޖީ އޭނާއަށް ތާއިދު ކުރާ މީހުންނާއި، ޕާޓީގެ މެމްބަރުންނަށް އަންގާފައިވަނީ ހަމަނުޖެހުމުގެ އެއްވެސް ހަރަކާތެއް ނުހިންގައި ސުލްހަވެރިކޮށް ތިބުމަށެވެ. މަމަޓާ ބެނާޖީ އަކީ ތިންވަނަ ފަހަރަށް ވެސްޓް ބެންގާލް ސްޓޭޓުގެ ޗީފް މިނިސްޓަރުގެ މަގާމަށްް ޓީއެމްސީ އިން ވާދަކޮށް ގޮނޑި ކާމިޔާބު ކޮށްފައިވާ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު