އިންޑިއާ އިން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ދެންމެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިންޑިއާ އިން 412000 މީހުން ކޮވިޑަށް ފައްސިވެ، 3,982 މީހުން ކޮވިޑް ޖެހިގެން މަރުވިއެވެ. އެހެންކަމުން މިއަދަކީ އިންޑިއާ އިން ދުނިޔޭގެ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ފައްސިވި ދުވަހެވެ. މީގެ ކުރިން އެއްވެސް ގައުމަކުން އެއްދުވަހެއްގެ ތެރޭގައި މިހައި ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. އަދި މިއަދު ކޮވިޑް ޖެހިގެން އިންޑިއާ އިން މީހުން މަރުވި ވަރަށް މީގެ ކުރިން އެގައުމުން އެއްދުވަސް ތެރޭގައި ކޮވިޑް ޖެހިގެން މީހުން މަރުވެފައެއް ނުވެއެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 21 މިލިއަނަށް އަރާފައެވެ. އަދި ކޮވިޑް ޖެހިގެން 230,010 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

މިއަދު އިންޑިއާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ރެކޯޑް އަދަދެއްގެ މީހުން ފައްސިވި ފަހުން ކޮންމެވެސް ވަރަކަށް ފައްސިވާ އަދަދު މަދުވުމަށް ފަހުއެވެ. ނަމަވެސް ފާއިތުވި ހަތަރު ދުވަހު ފައްސި ކޮންމެވެސް ވަރަކަށް މަދުވީ ކޮވިޑަށް ޓެސްޓް ކުރެވޭ އަދަދު މަދުވުމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، ހޮސްޕިޓަލްތަކަށް އަދިވެސް އަންނަނީ ބާރުބޮޑުވަމުންނެވެ. މިހާރުވެސް ބައެއް ހޮސްޕިޓަލްތަކަށް އަނެއްކާ ވަނީ އޮކްސިޖަން ލިބުމުގައި ދަތިތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އަދިވެސް ގެރީގެ ފަހަތުން ދުވޭ ބާރަށް... މާތްﷲ ގެ ކުޅަދުންވަންތަކަން ހިތަށް ގެނެސްބަލަ... އިންޝާﷲ . ރަނގަޅު ވާނެ.