ސްރީލަންކާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މާބަނޑު މީހަކު މަރުވެއްޖެއެވެ.

މި މީހާ މަރުވެފައިވަނީ ކޮވިޑަށް ފައްސި ވުމާއި އެކު ކޮލަމްބޯ ނޯތް ޓީޗިންގް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ލަންކާގެ ހެލްތް މިނިސްޓްރީއިން ބުނީ މި އަންހެން މީހާ އަކީ އެގައުމުން ކޮވިޑަށް ފައްސިވި ފުރަތަމަ މާބަނޑު މީހާ ކަމަށެވެ.

ކޮވިޑަށް ފައްސިވެފައިކަން ދެނެގަނެވުނު އިރު އަންހެން މީހާގެ ބަނޑަށް ތިން މަހެވެ. އަލަތު ދަރިފުޅަށް ބަލިވެއިންދާ ކޮވިޑަށް ފައްސިވެ ބަލީގައި މަރުވެފައިވާ 45 އަހަރުގެ އަންހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާދެމުން ގެންދިޔައީ މިނުވަންގޮޑާ ބޭސް ހޮސްޕިޓަލުގައެވެ. ލަންކާގެ ހަބަރުތަކުގައި ރިޕޯޓު ކޮށްފައިވާގޮތުން ކޮލަމްބޯ ނޯތް ޓީޗިންގް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވަނީ އިތުރު ފަރުވާ ދިނުމުގެ ގޮތުންނެވެ.

ސްރީލަންކާގައި މިހާރު ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން ދާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ ދުވަހެއް ދުވަހަަކަށް އިތުރުވަމުންނެވެ.

އިއްޔެ އެގައުމުން ކޮވިޑުގައި މަރުވި ކަމަށް ރިޕޯޓު ކޮށްފައިވަނީ 11 މީހުންނެވެ. އެއާއި އެކު ލަންކާއިން ކޮވިޑުގައި މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 720 އަށް އަރާފައެވެ.

އަވައްޓެރި ސްރީލަންކާގައި މިހާރު ދުވާލެއްގެ މައްޗަށް ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެގައުމުގައި ނުރައްކާތެރި ކޮވިޑް ވޭރިއެންޓެއް ފެތުރެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދާ ޒުވާނުންނާއި ކުޑަކުދިން ލަންކާގައި ވަނީ ގިނަވެފައެވެ.

އިއްޔެ އެގައުމުން 1,939 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. މިހާތަނަށް ސްރީލަންކާއިން 117,529 މީހުން ކޮވިޑަށް ފައްސިވެފައިވާކަމަށް ހެލްތް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު