ސްރީލަންކާއިން ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ލަންކާގެ ހެލްތް މިނިސްޓްރީގެ ދިރާސާ ޔުނިޓުން ރިޕޯޓު ކޮށްފައިވަނީ އިއްޔެ އެގައުމުން ކޮވިޑަށް ޓެސްޓު ކޮށްފައިވާ 26،360 މީހުންގެ ތެރެއިން، 1,939 މީހުން ކޮވިޑަށް ފައްސި ވެފައިވާކަމަށެވެ. ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވާގޮތުން އިއްޔެ އެގައުމުން ކޮވިޑަށް ފައްސިވީ މީހުންގެ ތެރޭގައި އެހެން ގައުމުތަކުން ޒިޔާރާތް ކޮށްފައިވާ 42 މީހަކު ހިމެެނެއެވެ.

ސްރީލަންކާއިން އިއްޔެއާއި ހަމަޔަށް އެގައުމުުން ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ އަދަދު ވަނީ 117,529 އަށް އަރާފައެވެ. ލަންކާ ހެލްތް މިނިސްޓްރީގެ ދިރާސާ ޔުނިޓުން ބުނެފައިވަނީ މިހާތަނަށް ކޮވިޑު ޖެހި، ބަލި ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން 16,734 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ބުދަ ދުވަހު ސްރީލަންކާއިން ކޮވިޑުގައި މަރުވެފައިވަނީ 11 މީހުންނެވެ. އެއާއި އެކު އެގައުމުން ކޮވިޑުގައި މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 702 އަށް އަރާފައެވެ.

ލަންކާއިން މިހާތަނަށް ކޮވިޑަށް ފައްސިވެ، ބަލިން ރަނގަޅު ވެފައިވަނީ 100,075 މީހުން ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ ވޭތަނަތައް ހަލުވިކަމާއި އެކު ފެތުރެމުް ގޮސް، ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ސްރީލަންކާއިން ކޮވިޑަށް ފައްސިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ލަންކާގައި ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، ފަރުވާދޭން ފެށުމާއި އެކު އައިސީޔޫތައް ފުރެނީއެވެ.

ސްރީލަންކާއިން މިހާތަނަށް ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 928,107 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަަދަދަކީ 140,721 އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުލައިމާޏު

    ލަންކާގަ 26000 ސާމްޕަލްއިން 2000 ވަރަކަށް މީހުން ޕޮޒިޓީވް ވީއިރު ރާއްޖޭގައި 4000 ވަރަކަށް ސާމްޕަލްއިން 700 މީހުން ޕޮޒިޓިވް ވީމަ ރާއްޖޭގެ ހާލަތު މާ ގޯސް އަސްލު ނިސްބަތުން ބަލަންޏާ