އިނގިރޭސިވިލާތުގައި ބޭއްވުނު ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ދިޔަ އިންޑިއާ ޑެލިގޭޝަނުގެ ދެ މެމްބަރަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

ޖީ7 ގައި ހިމެނެނީ ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން، އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާއެވެ. އޭގެ ތެރޭގައި އިންޑިއާ ނުހިމެނުނު ނަމަވެސް، އެގައުމުގެ ޑެލިގޭޝަަނަށް ވަނީ ދައުވަތު އަރުވާފައެވެ.

އިންޑިއާ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވި އެގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވި ގޮތުގައި ބުދަ ދުވަހު ކޮވިޑަށް ފައްސި ވެފައިވާ ދެމީހަކާއި ބައްދަލުވިކަން އޭނާއަށް ވަނީ އެނގިފައެވެ. އިންޑިއާ ޑެލިގޭޝަނުން ދެމީހަކު ކޮވިޑަށް ފައްސި ވުމާއި އެކު އޭނާ ހުންނެވީ އައިސޮލޭޝަންގައި ކަމަށް ވިދާޅުވިއެވެ. ކޮވިޑުގެ ބިރު އޮތުމާއި އެކު އިތުރަށް ބައްދަލުވުން ހަމަޖައްސާނީ ވާޗުއަލްކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ކޮވިޑަށް ފައްސިވެފައިވާ މީހަކާއި ބައްދަލުވިކަން ވަނީ އިއްޔެ އެނގިފައި. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވާޗުއަލްކޮށް ބައްދަލުވުން ތަކުގައި ބައިވެރިވާން ނިންމައިފިން" ޖައިޝަންކަރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ވަނީ އިންޑިއާ ޑެލިގޭޝަނުން ކޮވިޑަށް ފައްސިވީ ދެމީހުން އެކަހެރިވާން އަންގާފައެވެ. ކޮވިޑަށް ފައްސިވެއްޖެ ނަމަ އިނގިރޭސި ވިލާތުގައި އޮންނަ ގަވާއިދަކީ 10 ދުވަސް ވަންދެން އެކަހެރިވެގެން ހުރުމެވެ.

ޖައިޝަންކަރު އިއްޔެ ވަނީ އިނގިރޭސި އިންޓީރިއާ މިނިސްޓަރު ޕްރިތީ ޕަޓޭލްއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ގައިދުރުކަން ދަމަހައްޓާ، މާސްކު އެޅުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އެ ބައްދަލުވުމުގައި ދެން ތިބި މީހުން އެކަހެރިވާން ނުޖެހޭނެ ކަމަށް އިނގިރޭސި ޕަބްލިކް ހެލްތުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަ

    އިންޑިއާއަކީ މިހާރު ކޮވިޑް ބަހާ ބައެއް. އެމީހުން ތަންތަނަށް އެރުވުމަކީ މިހާރު ނުރައްކަލެއް. ކިތަންމެ ބަލައިގެން އުޅުނަސް އިންޑިއާގެ ވޭރިއަންޓް އެކި ގައުމުތަކުން ފެންނަމުން އެ ދަނީ.