ސާބިއާގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންނަށް ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފިއެވެ.

ވެކްސިން ޖެހުމުން ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ފުރަތަމަ ގައުމަކީ ސާބިއާއެވެ.

ސާބިއާގެ ރައީސް އެލެކްސާންޑާ ވުޗިޗް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާ އެ ގައުމުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދެއްވާނެ ކަމަށެވެ.

"މޭ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވެކްސިން ޖަހައިފި ކޮންމެ ފަރުދަކަށް 30 ޑޮލަރު ދޭނަން." ސާބިއާގެ ރައީސް އަލެކްސެންޑާ ވުޗިޗް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ސާބިއާގެ ރައީސް ވުޗިޗް ވިދާޅުވީ އުންމީދު ކުރަނީ މަސް ނިމުމުގެ ކުރިން ތިން މިލިއަން މީހުން ވެކްސިން ޖަހާނެ ކަމަށެވެ.

ވުޗިޗް ވިދާޅުވީ ބޭނުންވީ ފަރުދީ ޒިންމާ އަދާކުރާ މީހުންނަށް އިނާމެއް ދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތުގައި އުޅޭ މީހުންނަށް ވެކްސިން ނުޖަހަ ހުއްޓައި ކޮވިޑަށް ފައްސިވީ ކަމުގައި ވިއަސް މުސާރަ ހިނގާ ގޮތަށް ޗުއްޓީއެއް ނުދޭނެ ކަމަށެވެ.

ސާބިއާ ސަރުކާރުން ބޭނުންވަނީ ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށެވެ. ސަރުކާރުން ނިންމާފައިވަނީ ޝޮޕިންގް ސެންޓަރު ތަކުން ވެސް ވެކްސިން ޖެހޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އަދި ސަރުކާރުން މަޝްވަރާ ކޮށްފައިވަނީ ވެކްސިން ޖަހާ މީހުންނަށް 30 ޑޮލަރުގެ ވައުޗާއެއް ދިނުމަށެވެ.

އެގައުމުގެ ރައީސް ގަބޫލު ކުރަނީ ފައިސާގެ އިނާމަކާއި އެކުގައި ވެކްސިން ޖަހަން ގޮވާލުމުން އެތައް ބަޔަކު އެކަމަށް އިޖާބަދޭނެ ކަމަށެވެ. ނިކަމެތި ހާލުގައި އުޅޭ އެތައް ބަޔަކު ތިބޭއިރު، އެމީހުން ވެކްސިން ޖެހުމުގެ ފޯރީގައި އެކަން ކުރާނެ ކަމުގައި ވުޗިޗް ގަބޫލުކުރެއެވެ.

ބައެއް ކުންފުނި ތަކުން ވެސް އެތަންތަނުގެ މުވައްޒަފުންނަށް ވެކްސިން ޖަހައިދިނުމަށް ވަނީ ނިންމާފައެވެ.