ހޮސްޕިޓަލާއި، ކޮވިޑަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރުތަކަށް ވުރެ ކޮވިޑަށް ފައްސިވެ، އަލާމާތް ނުފެންނަ މީހުން ގޭގައި އެކަހެރިވެގެން ތިބި އަދަދު ގިނައެވެ. އެހެން ކަމުން އިންޑިއާގެ ތިރުވަނަންތަޕޫރަމް ކޯޕަރޭޝަނުން ނިންމާފައިވަނީ އެ މީހުންގެ ގެއެށް މެޑިކަލް ޓީމުން ޒިޔާރާތްކޮށް ހާލު ބެލުމާއި ފަރުވާ ދޭން ޖެހިއްޖެ ނަމަ ފަރުވާ ދިނުމަށެވެ. އަދި ބައްޔެއް ވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ޓެކްނޮލޮޖީ މެދުވެރިކޮށް ވާޗުއަލްކޮށް ބޭއްވުމަށެވެ.

މިއީ އިންޑިއާގެ ސްޓޭޓެއްގައި ގެއަށް ގޮސްގެން ބަލި މީހުންގެ ހާލު ބެލުމާއި ފަރުވާ ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާ ފުރަތަމަ ފަހަރެވެ. ތިރުވަނަންތަަޕޫރަމް ކޯޕަރޭޝަނުން މެޑިކަލް ޓީމެއް އެކުލަވާލައިފައި ވަނީ ޕްރައިމަރީ ހެލްތް ސެންޓަރު ތަކުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުން ހިމަނައިގެންނެވެ.

މިގޮތަށް ނިންމީ އިންޑިއާގެ ގިނަ ހޮސްޕިޓަލުތަކަކުން އެނދުގެ ދަތިކަން ދިމާވެފައިވުމާއެކު، ބަލީގެ އަލާމާތްތަށް ނުފެންނަ ނަމަ މާބޮޑު ފަރުވާއެެއް އެމީހަކަށް ދޭން ނުޖެހޭނެ ކަމަށް ބަލައިފައެވެ. ބަލީގެ އަލާމާތް ފެންނަ ގިނަ މީހުންނަކީ ނޭވާލާން އުނދަގޫވެ އޮކްސިޖެންގެ އެހީއަށް ބޭނުންވެފައިވާ މީހުންނެވެ.

ގޭގެއަށް ބަލި މީހުންނަށް ފަރުވާދިނުމަށް ދާނީ ވެސް ޕީޕީއީ ކިޓުގައި ކަމަށާއި، އެކަންތައް ނިންމުމަށް ފަހު ކިޓް ޑިސްއިންފެކްޓް ކުރާނެ ކަމަށް ކޯޕަރޭޝަނުން ބުނެފައިވެއެވެ. އެމީހުންގެ ފަރާތުން ޔަގީންކަން ދީފައިވަނީ ސަލާމަތާއި، ރައްކާތެރިކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ.

ހެލްތް އޮފިޝަލުންގެ ވިންގުން ބުނެފައިވަނީ ކޯޕަރޭޝަންގެ ނިންމުމާ އެއްގޮތަށް ގެއަށް ގޮސް ފަރުވާދޭން ވެއްޖެނަމަ ވަގުތުތަކެއް ގެއްލިގެން ދާނެ ކަމަށެވެ. ހޮސްޕިޓަލުގައި އެތައް ބަޔަކަށް ފަރުވާ ދިން ކަމުގައި ވިޔަސް ގޭގެއަށް ގޮސް ފަރުވާ ކުރާނަމަ ކޮންމެ ބަލިމީހެއްގެ ގެއަށް ގޮސް ޕީޕީއީ ކިޓު ބަދަލު ކުރަން ޖެހެއެވެ. މިއީ ފަސޭހަ ގޮތަކަށް ވެގެން ނުދާނެ ކަމަށް އެ ވިންގުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު