އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަން ހުސްވެ މަރުވުމުން އެތަނުގެ ޑޮކްޓަރުންނާއި ނަރުހުން ފިލައިފިއެވެ.

އިންޑިއާގެ ގުރްގައުންގައި ހުންނަ ކްރިތީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންތަކެއް އޮކްސިޖަން ހުސްވެގެން މަރުވެފައިވާއިރު އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ވަނީ އައިސީޔޫ ތަޅުލާފައި ފިލައިފައެވެ. މީގެ ފަސްދުވަސް ކުރިން ހިނގި މި ހާދިސާގެ ވީޑިއޯތައް މީސްމީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯގައި އައިސީޔޫގެ ބޭރުގައި ތިބި ބަލި މީހުންގެ އާއިލާތަކުގެ މެމްބަރުން ބަލި މީހުންގެ ހާލު ބެލުމަށް އައިސީޔޫ ތެރެއަށް ވަނުމަށް މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް އައިސީޔޫގެ ދޮރުގައި ޓަކިދިނުމުންވެސް އެތަނުގެ ދޮރު ހުޅުވާފައި ނުވެއެވެ. ދެން ފެނިގެންދަނީ އާއިލާތަކުން އައިސީޔޫގެ އެތެރެއަށް ވަދެގެންދާ މަންޒަރެވެ. އޭރު މަރުވެފައިވާ މީހުންތައް އެނދުތައް މަތީގައި ތިބޭތަން ފެނެއެވެ.

"މަރުވެފައި މަރުވެފައި" އައިސީޔޫގެ ތެރެއަށް ވަދެފައި ތިބި އާއިލާތަކުން ގޮވަމުންދެއެވެ.

ކްރިތީ ހޮސްޕިޓަލުގެ އައިސީޔޫގައި އޮކްސިޖަން ނުލިބި ތިން ބަލި މީހަކު މަރުވެފައިވާއިރު ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ ޖުމްލަ ހަ މީހަކު ވަނީ މަރުވެފައެވެ.

ކްރިތީ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން އޮކްސިޖަން ހުސްވުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އެކަން އެންގި ކަމަށެވެ. ނަމަވެސް ސަރުކާރުންވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބަލި މީހުންގެ އާއިލާތަކުން ހޮސްޕިޓަލުގެ ހުރިހާ ތަނެއް ބެލިއިރުވެސް ހޮސްޕިޓަލުގެ އެއްވެސް މުވައްޒަފަކު ފެންނަން ނެތްކަމަށް އެމީހުން ބުނެއެވެ. އޭގެ ފަހުން އެ ހޮސްޕިޓަލަށް ފުލުހުން ވަނީ ގޮސްފައެވެ. އެ ހޮސްޕިޓަލަށް ފުލުހުން ދިޔައީ އޮކްސިޖަން ފުޅިތަކެއް ހިފައިގެންނެވެ.

ފަންސާސް އެނދުގެ އެ ހޮސްޕިޓަލުގައި މި ހާދިސާ ހިނގި ދުވަހު 15 މީހުންނަށް ފަރުވާދެމުންދިޔައެވެ.

ފާއިތުވި ދުވަސްތަކުގައި އޮކްސިޖަން ހުސްވުމުގެ އެތައް ހާދިސާއެއް އިންޑިއާގެ އެކި ހިސާބުތަކުގައި ހިނގާފައިވާ އިރު އެތައް ސަތޭކަ ބަޔަކު ވަނީ އޮކްސިޖަން ނުލިބި މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު