ސްރީ ލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެ ގައުމުގައި ހުރި ހޮސްޕިޓަލްތައް ފުރެން ކައިރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލަންކާގެ ހެލްތު ކެއާ އެޕިޑެމިކްސްގެ ސްޓޭޓް މިނިސްޓަރު ސުދަރްޝަނީ ފެނާންޑަޕުލޭ ވިދާޅުވީ ކޮވިޑާ ގުޅިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ހޮސްޕިޓަލް އެނދުތައް ފުރެން ކައިރިވެފައިވާ ކަމަށެވެ.

"މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެނީ މިހާރުގެ ހާލަތަށް ބަލާ އިރު. އަދި ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ ވެސް ފުރުމާ ގާތްވެފައި ވަނީ. އެހެންވެ، ހުރިހާ އެންމެންނަށް ގޮވާލަނީ ދަތުރު ނުކުރުމަށާއި ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ގޭގައި މަޑު ކުރަން،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ބުރާސްފަތި ދުވަހާ ހަމައަށް ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 16،734 މީހުންނަށެވެ.

ފަހަކަށް އައިސް، ލަންކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ކޮވިޑް-19 ގެ ވޭދަނަތައް އެ ގައުމުގައި އިތުރުވަމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ ފަށައިފައެވެ.

ލަންކާ އިން މިހާތަނަށް 117,529 މީހުން ކޮވިޑަށް ފައްސިވެ، 734 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އަދިވެސް މުސްލިމުންނާ ދެކޮޅައް ގާނޫނުތަކާއި އެއްޗެހި ހަދާ މުސްލިމުން ނިކަމެތި ކޮއް ހެދުމުގެ ހިތިނަތީޖާ ތިފެންނަނީ އަދިވެސް އިސްލާހްވާކައް ނުވޭހޭ!