އެމެރިކާގައި ކުޑަ ކުދިންނަށް ވެކްސިން ދޭން ނިންމައިފިއެވެ.

އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އަންނަ ހަފްތާގައި އެކުދިންނަށް ވެކްސިން ދޭން ފަށާނެއެވެ.

އެފްޑީއޭ މިހާރު އަންނަނީ ފައިޒާއިން ހުށަހަޅާފައިވާ ވެކްސިނާ ބެހޭ ތަފްސީލުތައް ބަލައި ދިރާސާ ކުރަމުންނެވެ. ފައިޒާއިން މާޗް މަހު 2،260 ކުދިން (15-12 އުމުރުފުރައިގެ) ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުން އެކުދިންނަށް 100 އިންސައްތަ ކޮވިޑުން ރައްކާތެރި ކޮށްދެއެވެ. އެމެރިކާގައި މިހާރު ވެސް 16 އަހަރުން މަތީގެ މީހުންނަށް އަންނަނީ ފައިޒާ ވެކްސިން ދެމުންނެވެ.

އެމެރިކާގައި ގިނަ ބަޔަކު އަންނަނީ ކޮވިޑް ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންނެވެ. އެމެރިކާގެ ގިނަ ރައްޔިތުން ވެކްސިނަކަށް އިތުބާރެއް ނުކުރެއެވެ. ކަމާ ބެހޭ ފަރާތްތަކުން އެމީހުންގެ ނިންމުން ބަދަލު ކުރުމަށް އެތައް މަސައްކަތެއް ދަނީ ކުރަމުން ކަމަށް އެ އިދާރާތަކުން ބުނެފައިވެއެވެ.

އެގައުމުން މިހާތަނަށް 248 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން ދެޑޯޒް ވެކްސިން ޖަހާފައިވަނީ 106 މިލިއަން މީހުންނެވެ. ގައުމުގެ އާބާދީއަށް ބަލާއިރު، އެމެރިކާއިން ވެކްސިން ފުރިހަމަ ކޮށްފައިވަނީ 32.3 އިންސައްތަ މީހުންނެވެ.

ފައިޒާއިން ބުނެފައިވަނީ ސެޕްޓެމްބަރު މަހު އުމުރުން 11-2 އަހަރުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދައަށް އެފްޑީއޭއިން އެދޭނެ ކަމަށެވެ. މިހާރު ހަ މަހުން ފެށިގެން 11 އަހަރުގެ ކުދިންނަށް ވެކްސިނަކީ ރައްކާތެރި އެއްޗެއްތޯ ބެލުމަށް ތަހުލީލް ކުރަމުންދާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މޮޑާނައިން ވެސް ދަނީ ހަ މަސް ވެފައިވާ ތުއްތު ކުދިންނަށް ވެކްސިން ރަައްކާތެރިތޯ ބެލުމަށް ޓެސްޓު ކުރަމުންނެވެ.