އިންޑިއާ އާއި ދެކުނު އެފްރިކާއިން ކޮވިޑް ވެކްސިން އުފެއްދުމަށް ދޫކުރަމުން އަންނަ ލައިސެންސް އުވާލުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ތާއީދު ކުރައްވައިފިއެވެ.

އެ ގައުމުން ތާއީދު ކޮށްފައިވަނީ އިންޑިއާ އާއި ދެކުނު އެފްރިކާ ގުޅިގެން ދުނިޔޭގައި ކޮވިޑް ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމަށް ވެކްސިން އުފައްދުމުގެ ހުއްދައަކަށް ދޫކުރަމުން އަންނަ ލައިސެންސް އުވާލުމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ)އަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކަށެވެ.

އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތެރިން ޓައި ވިދާޅުވީ މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށާއި، ޑަބްލިއުޓީއޯއަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އަށާއި އެ ހުށަހެޅި ފަރާތްތަކުން ވެކްސިން އުފައްދާ އަދި ވެކްސިން ޖަހާ މިންވަރު އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއީދު ކުރާ ކަމަށެވެ.

ޓައި ވިދާޅުވީ ލައިސެންސް އުވާލުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އަށް އެހެން ގައުމުތަކުގެ ތާއީދު ހޯދަން އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެމެރިކާގެ ނިންމުމަށް ތާއީދުކޮށްފައެވެ. ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގްރެޔެސުސް ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށާއި، އެއީ އަދި އެއީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ބޭހާއި ވެކްސިން އުފައްދާ ކުންފުނިތަކުން ވަނީ އެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވެކްސިން އުފެއްދުމަށް ދިމާވެފައިވާ މައިގަނޑު ހުރަހަކީ ލައިސެންސް އޮތުން ނޫން ކަމަށާއި އެ ނިންމުމުގެ ސަބަބުން ވެކްސިން އީޖާދު ކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެފައެވެ.

މި ނިންމުމާއި ގުޅިގެން އިދިކޮޅު ރިޕަބްލިކަން ޕާޓީއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.