ހަލުވިކަމާއި އެކު އިންޑިއާގައި ކޮވިޑް ފެތުރެމުންދާތީ އިންޑިއާ މީހުން ސްރީލަންކާއަށް ދަތުރުކުރުން މަނާ ކޮށްފިއެވެ.

އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ، އިންގަޕޫރު އަދި ދެކުނު އޭޝިއާގެ ގައުމުތަކުން ވެސް ވަނީ އިންޑިއާއިން އެގައުމުތަކަށް މީހުން ދަތުރުކުރުން މަނާކޮށްފައެވެ.

ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފައިވަނީ އިންޑިއާއިން ދަތުރުކޮށްފައި އަންނަ އެއްވެސް ފަރާތަކަށް ލަންކާއަށް އެތެރެ ނުވެވޭނެ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އިންޑިއާގައި ކޮވިޑުގެ ވޭދަނަތައް އިންތިހާއަށް އިތުރުވެފައިވާތީ ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިގޮތުގައި އެގައުމަށް އިންޑިއާ މީހުން އައުން މަނާ ކޮށްފައިވަނީ ހެލްތް މިނިސްޓްރީއިން ދީފައިވާ އިރުޝާދުގެ ދަށުންނެވެ.

ސްރީލަންކާގައި ވެސް މިހާރު ކޮވިޑުގެ ވޭދަނަތައް ވަނީ އިތުރުވެފައެވެ. ވޭތުވެ ދިޔަ ފަސް ދުވަސް ތެރޭގައި ކޮންމެ ދުވަހަކުވެސް ދެހާހާއި ގާތްކުރާ އަދަދަކަށް އެގައުމުން މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ހޮސްޕިޓަލުތައް މިހާރު ފުރުމަކާއި ގާތް ވެއްޖެއެވެ. އެހެންކަމުން އެގައުމުގައި ވަނީ ވައިގެ މަގުން ދަތުރުކުރެވޭ މީހުންގެ އަދަދު މަދުކޮށް، ގިނަ މީހުން އެއްވެ ބާއްވާ ދީނީ ހަފްލާތަކާއި ބޮޑަތި ޕާޓީތައް ބޭއްވުން މަނާކޮށްފައެވެ.

ލަންކާގެ ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވާ ގޮތުން އިއްޔެ އެގައުމުން ކޮވިޑަށް 1,939 މީހުން ކޮވިޑަށް ފައްސި ވެފައިވާކަމަށެވެ. އެއާއި އެކު އެގައުމުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 117,529 އަށް އަރާފައެވެ.

އިންޑިއާގެ ހާލަތަށް ބަލާއިރު އިއްޔެ އެގައުމުން 4,12,262 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު