ފާއިތުވި ދުވަސްތަކުގައި ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ރޮހިންޖާ މުސްލިމުންގެ ރެފިއުޖީ ކޭމްޕުތަކަށް ގެއްލުންވެއްޖެއެވެ.

މި ކޭމްޕުތަކަށް ގެއްލުންވުމުގެ ސަބަބުން، އެސަރަޙައްދުގައި އުޅެމުންދާ ރެފިއުޖީން އިތުރަށް ހާލުގައި ޖެހިފައިވާކަމަށް އދ.ގެ ހިޖުރަކުރުމާ ބެހޭ ޖަމިއްޔާ، އައިއޯއެމް އިން ވަނީ ބުނެފައެވެ.

މިޔަންމާގެ އަނިޔާވެރި ސިފައިންނާއި ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންގެ ހަމަލާތަކަށް ކެތްނުކުރެވިގެން، ރޮހިންޖާ މުސްލިމުން، ޖެހިގެން އޮތް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެންނެވެ. އޭރުންސުރެ މިހާތަނަށް، 70،000 އެއްހާ މީހުން ހިޖުރަކޮށްފައިވާކަމަށް ބެލެވެއެވެ.

ހިޖުރަކޮށްގެން ކޮކްސް ބާޒާރުގައި އުޅެމުންދާ ގިނަ އަދަދެއްގެ ބައެއްގެ ވަގުތީ ހިޔާތައް، ވިއްސާރައިގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުހެ ޙާދިސާތަކުގެ ސަބަބުންވަނީ ގެއްލުން ލިބިފައެވެ. މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން، ވަރަށް ހަލުވި މިނެއްގައި މަސައްކަތް ކުރަމުންދާކަމަށް، އައިއޯއެމް އިން އިތުރަށް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮކްސް ބާޒާރު ސަރަޙައްދަށްވަނީ ގަދަ ވިއްސާރަކޮށްފައެވެ. ވާރޭ ވެހުމުގެ އިތުރުން ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާއި ހޮނުއެޅުން އަދި ގަދަ ވައި ޖެހިފައިވާކަމުގެ ރިޕޯޓުތައް ކޮށްފައިވެއެވެ.

ރޮހިންޖާ މުސްލިމުންނަކީ މިހާރު ދުނިޔޭގައި، އެންމެ ހާލުގައި އުޅެމުންދާ އެއް ދަރިކޮޅެވެ.