މިހާރު ކޮވިޑް-19 އެންމެ ބޮޑަށް ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާ އިން އިއްޔެވެސް ރެކޯޑް އަދަދަކަށް މީހުން އެ ބައްޔަށް ފައްސިވެއްޖެ އެވެ.

އިންޑިއާއިން އިއްޔެ އެކަނިވެސް 414,433 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެ ގައުމަކީ މިހާރު ކޮންމެ ދުވަހަކުވެސް ފައްސިވާ އަދަދުތަކުގެ ރެކޯޑް އާ ކުރަމުން އަންނަ ގައުމެކެވެ.

އިންޑިއާ އިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ބަލީގައި ވަނީ 3,920 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 234,071 އަށް އަރާފައެވެ.

އެ ގައުމުގައި މިހާރު ކޮވިޑް ޖެހިގެން 3,653,804 މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި، އަދި އެ ބަލީގައި މަރުވަމުންދާ އިންޑިއާއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމެވެ.

އެހެން ނަމަވެސް ގައުމަކީ ކޮވިޑްގެ ދިފާއުގައި ޖަހާ ވެކްސިން އެންމެ ވަރުގަދައަށް ޖަހަމުންދިޔަ ގައުމުވެސް މެއެވެ.

މިހާރު އިންޑިއާގައި ކޮވިޑް ފެތުރޭ ވަރު ހަލުވިކަމުން ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ވޭދަނަތައް ވަނީ އިތުރުވެފައެވެ. އަދި އޮކްސިޖަން ލިބުމުގައި ދަތިތަކެއް ދިމާވެ، ބައެއް މީހުންނަށް ފަރުވާ ނުދެވޭ ހާލަތަށް ވަނީ ގޮސްފައެވެ. އަދި ހޮސްޕިޓަލްތައް ފުރި ބައެއް މީހުން މަރުވަމުން ދަނީ ފަރުވާ ނުލިބިކަންވެސް މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.