ފާއިތުވި ފަސް އަހަރު އަފްޢާނިސްތާނުގައި ދިން ހަމަލާތަކުގައި މަރާލާފައިވާ މީހުންގެ 40 އިންސައްތައަކީ ކުޑަކުދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެކްޝަން އޮން އާމްޑް ވަޔަލެންސް (އޭއޯއޭވީ) ގައި ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަފްޢާނިސްތާނުގައި 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް 3،977 މީހަކު ވަނީ މަރާލާފައެވެ. އޭގެ ތެރެއިން 1،600 ވަރަކަށް މީހުންނަކީ ކުޑަކުދިން ކަމަށް ވެސް ތަފްސާ ހިސާބުގައި ވަނީ ބުނެފައެވެ.

އަފްޢާނިސްތާނުގެ ސޭވް ދަ ޗިލްޑްރެން އިންޓަނެޝަނަލްގެ ޑިރެކްޓަރ ކްރިސް ޔަމަންޑި ބުނެފައިވަނީ އެ އަދަދަކީ އެއީ ހައިރާން ކަމެއް ގެނުވާނެ އަދަދެއް ނޫން ކަމަށެވެ. އެއީ އެގައުމަކީ ކުޑަކުދިންނަށް ނުރައްކާތެރި ގައުމެއް ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ.

އެގޮތަށް އޭނާ ބުނެފައިވަނީ ފާއިތުވި 14 އަހަރަށް ބަލާއިރު، ކޮންމެ ދުވަހެއް ގޮތަކަށް އެގައުމުން ކުއްޖަކު މަރާލައި ނުވަތަ އެކި ކަހަލަ އަނިޔާ ވަނީ ދީފައިވާތީއެވެ.

"މިއީ ހިތްދަތި އަދަދުތަކެއް. އެކުދިންނަކީ އާއިލާ ތިބޭ، މުސްތަގުބަލެއް އޮންނަ، ރައްކާތެރިކަމާއި އެކީ އުޅުމަށް ސްކޫލަށް ގޮސް އުޅުނު ކުދިން" އޭނާ ބުންޏެވެ.

އަފްޢާނިސްތާނަށް އެކި ގައުމުތަކުން ދިން ހަމަލާތަކަށް ބަލާއިރު، 2017 ވަނަ އަހަރުގެ ވައިގެ މަގުން 247 މިސައިލް ހަމަލާ ދީފައިވާއިރު، އެ އަދަދު ވަނީ 2019 ވަނަ އަހަރު 757 އަށް އަރާފައި ކަމަށް ޔުނައިޓެޑް ނޭޝަންސް އެސިސްޓެންސް މިޝަން އިން އަފްޢާނިސްތާން (ޔޫއެންއޭއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.