ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދުގައި ހިނގި ހަނގުރާމަ މީގެ 70 އަހަރުން ކުރިން ނިމުމަކަށް އައުމާއެކު، ބައިންގްޔޯންގް ވެގެން ދިޔައީ އެމެރިކާގެ ސިފައިން އުތުރު ކޮރެއާއަށް ފާރަލުމަށް ބޭނުން ކުރަމުންދިޔަ މައި ރަށަކަށެވެ. އެކަމަކު މިހާރު އެރަށަކީ ޗައިނާގެ ރާޑަރަށް އަރާ ސަރަހައްދެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ވަނީ އަސްކަރީ މަނަވަރުތަކެއް އެރަށުގެ އައްސޭރިއަށް ފޮނުވައިގެން ދެކުނު ކޮރެއާއަށް ބިރު ދައްކައިފައެވެ.

މިފަހަކަށް އައިސް ޗައިނާގެ ބޯޓުތައް ޔެލޯ ސީގައި ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. ޗައިނާއިން ބޭނުންވަނީ އެ ސަރަހައްދު އެމީހުންގެ އަތް ދަށުކޮށް، ދެކުނު ކޮރެއާއަށް އޮންނަ މަގު އެމީހުންގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ކަމަށް ދެކުނު ކޮރެއާގެ ޑިފެންސް ކޮމިޓީއިން ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން 13 ކިލޯމީޓަރު ބޭރުގައި އޮންނަ ބައިންގްޔޯންގް އަކީ ކޮރެއާގެ ދެހިސާބުގެ ވެސް އިންޓެލިޖެންސް އެޖެންސީ ތަކުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ސަރަހައްކެވެ. ދެކުނު ކޮރެއާގެ ސިފައިން ވަނީ އެރަށާ ދިމާ ފެންނާނޭހެން ރާޑަރުތަކެއް ހަރުކޮށްފައެވެ. މިހާރު އެސަރަހައްދުގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ޗައިނާގެ ބޯޓުފަހަރު ތަކުން އެރަށުގެ އައްސޭރި ބަލަހައްޓައި، އެ ސަރަހައްދު އެހެން ގައުމުތަކުގެ ކަނޑުމަތީ ސިފައިންގެ ކުޅަދާނަކަން ހުރި މިންވަރު މޮނިޓާ ކުރަމުން ދިޔުމެވެ. ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަހަރުން ފެށިގެން ޗައިނާގެ ބޯޓުތައް އަންނަނީ އެ ސަރަހައްދު ބަލައި ފާސް ކުރަަމުންނެވެ.

ދެކުނު ކޮރެއާއިން ޗައިނާގެ ބޯޓުތައް ޔެލޯ ސީގައި މާގިނަ އަދަދަކަށް ހަރަކާތްތެރި ވަމުންދާތީ އެކަމާ ކަންތައް ބޮޑުވެ ވާހަކަ ދައްކާފައި ވާއިރު ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.