އިންޑިއާގައި ތިބި މެލޭޝިއާ ރައްޔިތުން އެނބުރި ގައުމަށް ގެންނާނެ ކަމަށް އެ ގައުމުން ބުނެފިއެވެ. މެލޭޝިއާ އިން ބުނީ ގައުމަށް މީހުން ގެނައުމުގައި ހާއްސަ އިސްކަމެއް ދޭނީ ކޮވިޑުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އަވަށްތަކުގައި ތިބި މީހުންނަށް ކަމަށެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝާމުއްދީން ހުސައިން ވިދާޅުވީ އިންޑިއާގައި ތިބި އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންނަން މީހުން އުފުލުމަށް ޗާޓާ ފްލައިޓެއް ހަމަޖައްސަވާނެ ކަމަށެވެ. ހުސައިން ވިދާޅުވީ އިންޑިއާ ސަރުކާރުން ހުއްދަ ލިބުމާއެކު މީހުން އުފުލުމަށް ހާއްސަ ކޮށްގެން ގެންނަ ފްލައިޓުތައް މުމްބާއީ އާއި ދިއްލީއަށް ދާނެ ކަމަށެވެ.

އިންޑިއާގެ ބައެއް އަވަށްތަކުގައި ތިބި މެލޭޝިއާ ރައްޔިތުން ގައުމަށް ގެންދިޔުމަށް އަދި ހަމަޖެހިފައެއް ނުވެއެވެ. ނޫސް އެޖެންސީ ތަކުން މައުލޫމާތު ދީފައިވާ ގޮތުން ގެންދާން ހަމަޖެހިފައި ނުވަނީ ކޮވިޑް ކޮންޓްރޯލް ވެފައިވާ އަަވަށްތަކުގައި ތިބި މީހުންނެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓަރު ހުސައިން އެދިފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވެ، ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފައިވާ އަވަށްތަކުގައި ތިބި މީހުން އެނބުރި ގައުމަށް އަންނަން ރެޖިސްޓާ ވުމަށެވެ. ގައުމަށް ދެވޭނީ ކޮވިޑް ޓެސްޓު ކޮށްފައި ކަމަށާއި، ގައުމަށް ގޮސް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް މަލޭޝިއާ ސަރުކާރުން އަންގާފައިވެއެވެ.

އިންޑިއާގައި މިހާރު ކޮވިޑުގެ ހާލަތު އަތް ނުފޯރާ ފަށަށް ގޮސް ދުވާލެއްގެ މައްޗަށް ހަތަރު ލައްކައެއްހައި މީހުން އަންނަނީ ކޮވިޑަށް ފައްސި ވަމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން މިހާތަނަށް 21.4 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ދައްކައެވެ.