ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ޕާކިސްތާން ބޮޑުވަޒީރު ސައުދީއަށް ކުރެއްވި ދަތުރުފުޅަކީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި ހާއްސަ ދައުވަތެކެވެ. އިމްރާންއަށް ޖިއްދާގެ އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. އެމަނިކުފާނާއެކު ކޮމާސް މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރުގެ އިތުރުން އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ލީޑަރުން ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިންމު ކަމާއި ފައިދާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އަރަބި ނޫސް އެޖެންސީ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އޭގެ އިތުރުން ބައިނަލްއަޤްވާމީ މަސްލަހަތާއި ގުޅޭ ގޮތުން އަދި ނިރުބުވެރި ހަމަލާ ތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މީޑިއާ ތަކުން މައުލޫމާތު ދީފައިވެއެވެ.

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ވަނީ ސައުދީ ވަލީއަހުދު އިސްލާމީ އުންމަތް ރައްކާތެރި ކުރުމަށް ކުރަމުން ގެންދަވާ ކަންކަމަށާއި، ގައުމުގެ އަމާން ކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރައްވަމުން ގެންދަވާ ކަންކަމަށް ތަރުހީބު ދެއްވާފައެވެ. ހާއްސަ ބައްދަލުވުމުގައި ކުށް މަދުކުރުމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލައިފައިވެއެވެ.

އިމްރާން ސައުދީގެ ވަޒީރުންނާއި، ޖިއްދާގެ ރައްޔިތުން އަދި މައްކާއާއި މަދީނާގެ އެންމެ މާތް ދެ މިސްކިތުގެ އިމާމުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ތާވަލު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    ހިތަށް އަންނަ ސުވާލުތަކެއް! ރާއްޖެއާ މިހާ ގާތުގައި ޕާކިސްތާނު އޮތްއިރު ޕާކިސްތާނާ ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައި ބޮޑެތި ދަތިތައް ހުންނަނީ ކީއްވެ؟ ދެ ގައުމު ދެމެދުގައި ދަތުރުފަތުރު ހީނަރުވެފައި އޮންނަނީ ކީއްވެ؟ ސައޫދީގައި ޕާކިސްތާނުގެ 2.6 މިލިޔަން މީހުން މަސައްކަތްކުރަން އުޅޭ ކަމަށް ހިސާބުތަކުން ދައްކާއިރު ޕާކިސްތާނު މީހުން އެތަނުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް މީޑިއާއިން ނުފެންނަނީ ކީއްވެ؟ ސައޫދީގައި މިނިވަންކަމާއެކު ޕާކިސްތާނު މީހުންނަށް އުޅެވޭއިރު ދިވެހިރާއްޖެއަށް އަންނައިރަށް ނުގޮތަކަށް ބަލަން މިޖެހެނީ ކީއްވެ؟

    4
    2
  2. ނަޟީދު

    އިންޑިޔާ ރާއްޖެއަށް ޖެހިފައޮތް މުސީބާތެއް

    1
    1