އިންޑިއާގައި ކޮވިޑް-19 ޖެހިގެން ރިކޯޑު އަދަދަކަށް މީހުން މަރުވެއްޖެއެވެ.

އެ ގައުމުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،194 މީހުން ވަނީ މަރުވެފައެވެ. ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެގައުމުން ކޮވިޑަށް ފައްސި ވެފައިވަނީ 401,326 މީހުންނެވެ.

މިހާތަނަށް އެގައުމުން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 21.8 މިލިއަނަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 238,265 އެވެ.

ތަޖުރިބާކާރުން ގަބޫލު ކުރަނީ އިންޑިއާގައި ކޮވިޑުގައި މަރުވި މީހުންނާއި ބަލި ޖެހުނުކަމަށް ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު މިއަށް ވުރެ އިތުރުވާނެ ކަމަށެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު މާ ބޮޑަށް ވެސް ގޯސްވެފައި އޮތުމުން އެމެރިކާގެ ވައިޓްހައުސް ޗީފް މެޑިކަލް އޮފިސަރު އެންތޮނީ ފައުޗީ ވިދާޅުވެފައިވަނީ މުޅި ގައުމު ފުރަބަންދު ކުރަން ޖެހޭ ކަމަށެވެ. ފައުޗީ ގަބޫލު ކުރަނީ އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވޭރިއެންޓު ވެސް އިންޑިއާގައި ފެތުރެމުން ދާ ކަމަށެވެ.

އިންޑިއާގައި ނުރައްކާތެރި ދެ ކޮވިޑް ވޭރިއެންޓެއް ފެތުރެމުން ދާއިރު، އެގައުމުގެ ސިއްހީ ހާލަތު ވެސް ވަނީ ދަށަށް ގޮސްފައެވެ. ގައުމުން އެތައް ބަޔަކު ކޮވިޑަށް ފައްސި ވަމުން ދާއިރު، ގިނަ ބަޔަކަށް ފަރުވާ ކުރެވޭނެ ވަރުގެ ފެންވަރެއް މިހާރު އެގައުމަކު ނެތެވެ.

އޮކްސިޖެން އާއި ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ގައުމުން ހުސްވެފައިވާތީ މިހާރު އެހެން ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު