ޗައިނާގައި އުފައްދާ ވަޔާލެސް ޑިވައިސްތައް އިންޑިއާ އަށް އިމްޕޯޓު ކުރުން ހުއްޓިއްޖެއެވެ.

ޗައިނާގައި އުފައްދައި ބްލޫޓޫތު ސްޕީކަރާއި، ވަޔާލެސް އިއާފޯން، ސްމާޓްފޯން، ސްމާޓްވޮޗް، ލެޕްޓޮޕް އަދި ވައިފައި ޑިވައިސް ފަދަ ތަކެތި އިންޑިއާއަށް އިމްޕޯޓު ކުރުމަށް ލަސްވެގެން ދާކަމަށް ރިޕޯޓުތައް ވަނީ ބުނަން ފަށައިފައެވެ.

އިންޑިއާގެ ކޮމިއުކޭޝަން މިނިސްޓަރުގެ ވަޔާލެސް ޕްލޭނިންގް އެންޑް ކޯޑިނޭޝަން (ޑަބްލިއުޕީސީ) ވިންގުން ޗައިނާއިން އުފައްދާ ވަޔާލެސް ޑިވައިސްތައް އިންޑިއާއަށް އިމްޕޯޓު ކުރުން ވަނީ މިދިޔަ ނުވެމްބަރު މަހުން ފެށިގެން ހުއްދަ ނުދީ ހިފަހައްޓަން ފަށައިފިއެވެ.

ޗައިނާއާއި، އެމެރިކާ އަދި ކޮރެއާ ހިމެނޭހެން 80 ކުންފުންޏެއްގެ އެޕްލިކޭޝަނަށް ޑަބްލިއުޕީސީއިން ހުއްދަ ދީފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާއި ގުޅޭ ގޮތުން ޑެލް، ޒިއޯމީ، ވީވޯ އަދި ލެނޯވޯގެ ބަހެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން އިންޑިއާގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ ބަހެއް ވެސް ލިބިފައިނުވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިންޑިއާގެ ސަރުކާރުން ބޭނުންވަނީ އެހެން ގައުމުތަކުން ޑިވައިސް އެތެރެ ކުރުމުގެ ބަދަލުގައި އެގައުމުގައި ޑިވައިސް އުފެއްދުމަށެވެ. އިންޑިއާގެ ބައެއް ކުންފުނިތަކަށް ވެސް މިކަމާއި ގުޅިގެން ވަނީ ވިޔަފާރީގައި ގެއްލުންވާން ފަށާފައެވެ. އިންޑިއާގެ ކުންފުނިތަކުން އެގައުމުގައި ޑިވައިސް އުފައްދަން ބަލާއިރު ބޮޑު ހަރަދެއް ކުރަން ޖެހެއެވެ.

މީގެ ކުރިން އިންޑިއާގައި އިމްޕޯޓު ކުރަން ފަސޭހަވީ ނަމަވެސް 2019 ވަނަ އަހަރު އާ ގަވާއިދެއް އެކުލަވައިލުމާއެކު އިމްޕޯޓު ކުރުމަށް ސަރުކާރުގެ ހާއްސަ ހުއްދައެއް ބޭނުންވެއެވެ.

ދުނިޔޭގެ ރޭންކުން ދެ ވަނައަށް އެންމެ ގިނައިން މޯބައިލް ފޯނު އެކްސްޕޯޓު ކުރާ ގައުމަކަށް ވެފައިވަނީ އިންޑިއާއެވެ.