އިންޑިއާގައި ފެތުރެމުން އަންނަ ކޮވިޑް-19 ވޭރިއަންޓް އަވަށްޓެރި ސްރީ ލަންކާ އިން ފެނިއްޖެއެވެ.

އިމިއުނޮލޮޖީ ޑިޕާޓްމެންޓުގެ ޑިރެކްޓަރ، ޑރ ޗަންޑިމާ ޖީވަންދަރަ ވިދާޅުވީ ސްރީލަންކާގައި ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މީހަކު ކޮވިޑަށް ފައްސިވެ، ޓެސްޓު ކުރުމުން އެއީ އިންޑިއާ ވޭރިއެންޓުކަން ދެނެގަނެވިފައިވާ ކަމަށެވެ.

"އިންޑިއާގައި ފެތުރޭ ނުރައްކާތެރި ބީ.1.617 ކޮވިޑް ވޭރިއެންޓު ލަންކާގައި ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މީހެއްގެ ގައިން ދެނެގަނެވިއްޖެ" ޑރ ޖީވަންދަރަ ވިދާޅުވިއެވެ.

އިންޑިއާގައި ފެތުރެމުންދާ ކޮވިޑް ވޭރިއެންޓުގެ އިތުރުން އެންމެ ފުރަތަމަ ސައުތް އެފްރިކާއިން ދެނެގަނެވިފައިވާ ކޮވިޑް ވޭރިއެންޓު ވެސް ލަންކާ އިން ފެނިފައިވާ ކަމަށްވެއެވެ. މި ދެ ވޭރިއެންޓު ވެސް ދެނެގަނެވިފައިވަނީ އެހެން ގައުމުތަކަށް ދަތުރުކުރުމަށް ފަހު އެނބުރި ގައުމަށް އައިސް ކަރަންޓީނުގައި ތިބި މީހުންގެ ސުންކު ޓެސްޓު ކުރުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފައިވަނީ އިންޑިއާއިން ފެނިފައިވާ ބީ1.617 ވޭރިއެންޓު 17 އަށް ވުރެ ގިނަ ގައުމުތަކުން ދެނެގަނެވިފައިވާ ކަމަށެވެ.

އިންޑިއާއިން އެންމެ ފުރަތަމަ މިދިޔަ އޮކްޓޯބަރު މަހު ބީ1.617 ވޭރިއެންޓު ދެނެގަނެވިފައިވާއިރު، ސައިންސްވެރިން ބުނެފައިވަނީ މި ވޭރިއެންޓަކީ ނުރައްކާތެރި ވޭރިއެންޓެއް ކަމާއި، މިވައްތަރާއި ދެކޮޅަށް ވެކްސިނުން ރައްކާތެރި ކޮށްދޭ މިންވަރު ކުޑަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢައިނު

    މި ރާއްޖޭގަ ސަރުކާރުން އިންޑިއާގެ ނަން ސިއްރު ކުރިޔަސް މިތަނުގަ ފެތުރިގެން މިއުޅެނީ އިންޑިއާއިން އައި ކޮވިޑުގެ ވޭރިއަންޓް.