ފިތުރު އީދާ ދިމާކޮށް ކޮވިޑްގެ ވޭދަނަތައް އިތުރުވެދާނެ ކަމަށް ލަފާކޮށް ނުވަ ދުވަހުގެ މުއްދަތަކަށް ޕާކިސްތާނު ފުރަބަންދު ކޮށްފިއެވެ.

ކޮވިޑުގެ ތިންވަނަ ރާޅާއެކު ޕާކިސްތާނުން އަންނަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސި ވަމުންނެވެ. ކޮވިޑުން ދިފާއުމުވުމަށް އެގައުމުގައި މިދިޔަ އއަހަރުގެ އެޕްރީލް މަހުން ފެށިގެން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

މިއަދުން ފެށިގެން ގައުމުގެ ހުރިހާ ފިހާރަތަކެއް ބަންދުވާނެއެވެ. އަދި އިސްލާމް އާބާދުގައި އީދަށް ވިޔަފާރި ކުރުމަށް މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާ އަށް ކުރިމަތި ވެފައިވާ ހާލަތު ފެނި ޕާކިސްތާނު ސަރުކާރުގެ އިސް ވެރިން ތިބީ ބިރުންނެވެ. ވެންޓިލޭޓަރާއި އޮކްސިޖެން މަދުވެ، ކޮވިޑުގެ ރާޅުން އަރައި ނުގަނެވިދާނެ ކަމުގެ ބިރު އެމީހުންނަށް އޮތީ ހީވެފައެވެ.

ޕާކިސްތާނުގެ ޕްލޭނިންގް މިނިސްޓަރ، އަސަދް އުމަރު ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތަކީ ނުރައްކާ ހާލަތެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހުނީ ނުރައްކާތެރިކަން އޮތް މިންވަރު ބޮޑުކަމުން ކަމަށެވެ.

ކުރިޔަށް އޮތީ އީދުގެ ދުވަސްތަކަށް ވާއިރު، އީދު ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެ މަޖާ ކުރުމަކީ ސަގާފަތެވެ. މީގެ ކުރިން ވެސް ގިނަ ބަޔަކު އެއްވެ ފާހަގަ ކުރި ހަފްލާއަކާއި ގުޅިގެން ގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވެގެން ދިޔައެވެ.

ފިހާރަތަކާއި، ހޮޓާތައް ބަންދު ކުރި ނަމަވެސް، މިސްކިތްތައް ބަންދު ނުކޮށް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު