ޗައިނާ އިން ޖައްވަށް ފޮނުވާލިތަނުން ކޮންޓްރޯލު ގެއްލުނު ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިއަދު ހެނދުނު ވެއްޓިފައިވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާ އިން ބުނެފިއެވެ. ނަމަވެސް ރޮކެޓް ވެއްޓުނު ސީދާ ލޮކޭޝަނެއް ޗައިނާ އިން ހާމައެއް ނުކުރެއެވެ.

މިރޮކެޓް ވެއްޓުމާއި ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ވެސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

"ލޯންގް މާޗް 5-ބީ" ރޮކެޓް ވެއްޓިފައި ވަނީ އަރަބިއަން ޕެނިންސިއުލާ އަށް ކަމަށް އެމެރިކާގެ ޖައްވީ ކޮމާންޑުން ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި މިރޮކެޓް ވެއްޓިފައި ވަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދަކަށެވެ.

ދިގުމިނުގައި 108 ފޫޓް އަދި ބަރުމިނުގައި 20 ޓަނު ހުރި ރޮކެޓް ޖައްވަށް އުދުއްސާލީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އޯބިޓްގެ ތެރެއަށް ރޮކެޓް ދިޔަ ފަހުން ރޮކެޓްގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އަދި ބިމަށް ދަމާ ބާރުގެ ސަބަބުން ރޮކެޓްގެ މިސްރާބު ދުނިޔެއަށް އަމާޒުވެ ވެއްޓުނީއެވެ.

ރޮކެޓް އެނބުރި ދުނިޔެއަށް ވެއްޓުނުއިރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ކުދިކުދި ވެފައެވެ. ވެއްޓިފައި ވަނީ ރޮކެޓްގެ ކިހައި މިންވަރެއް ކަމެއް އަދި ޗައިނާ އިން ހާމައެއް ނުކުރެއެވެ.

މިރޮކެޓް ދުނިޔެއަށް ވެއްޓޭކަމަށް ޗައިނާ އިން ބުނުމާއިއެކު ޔޫރަޕްގެ ސްޕޭސް އެޖެންސީން ވަނީ މިރޮކެޓް އިންސާނުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިދާނެ ކަމަށް ލަފާކޮށްފައެވެ. ރޮކެޓް ވެއްޓިދާނެ ކަމަށް ޔޫރަޕްގެ ސްޕޭސް އެޖެންސީން ލަފާކުރި ސަރަހައްދުތަކުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ވެސް ހިމެނުނެވެ.

ޖައްވަށް ރޮކެޓް އާއްމުކޮށް ފޮނުވަނީ ސެޓްލައިޓްތައް އުފުލުމަށެވެ. ސެޓްލައިޓްތައް އޯބިޓަށް ދޫކޮށްލުމަށްފަހު އާއްމު ގޮތެއްގައި ހުރިހާ ރޮކެޓެއް ވެސް ދުނިޔެއަށް ވައްޓާލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޭނާ

    ރޮކެޓުގެ ބައެއް ރާއްޖެ ކަނޑުގެ ސަރަހައްދައް ވެޓުމުން ތިމާވެއްޓައް ގެއްލުންވާނެ. ޗައިނާއިން ގެއްލުމުގެ ބަދަލު ދޭންޖެހޭނެ.

    21
    4
  2. މީ ދުނިޔެއޭ..

    ދިވެހިރާއްޖެ އިތުރަށް ދުނިޔެއަށް އިސްތިހާރުވާ ގޮތް މިވީ.

    #މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑު

    7
    1
  3. ނަސްތުރަން

    ކަނޑަށް ނުވެއްޓި ރަށަކަށް ވެއްޓުނު ނަމަ އޯ؟ ކާކު ޒިންމާ ނަގާނީ. ޔާމިނުގެ ޗައިނާ ބޮޑު ދުއްޕާނެއް

    1
    10
  4. ޚަދީ

    މިމީހުން މުޅިދުނިޔެ ގޮނޑަކަށް ހަދައިފި. މީ ދެން ބޮޑުވަރު ، ސެޓަލައިޓާ، ރޮކެޓާ ނުލާ ނޫޅެވެނީބާއޭ ހިތައްއަރާ