އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުގައި އޮންނަ ޝިއާ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ އަވަށެއް ކަމަށްވާ ދަޝްތޭ ބަރްޗީގެ އަންހެން ކުދިންގެ މަދަރުސާ ސައްޔިދުއް ޝުހަދާ ސްކޫލު ކުރިމަތީގައި ހޮނިހިރު ދުވަހު ހަވީރު ގޮއްވާލި ބޮމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 68 އަށް އަރައިފިއެވެ.

މި ބޮމުގެ ހަމަލާގައި 165 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވުމުން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޮފިޝަލުން ބައިނަލްއަގްވާމީ ނޫސްތަކަށް ބުނީ ބޮން ގޮވި އިރު އެ ސަރަހައްދުގައި ތިބި ކަމަށް ބުނާ ބައެއް މީހުން ނުފެނިގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކާރެއްގައި ރިމޯޓް ކޮންޓްރޯލް ބޮމެއް ހަރުކޮށް އެ ގޮއްވާލައިފައި ވަނީ ދަރިވަރުން ގެޔަށް ދާން ނިކުތް ވަގުތު ކަމުން ބޮމުގެ ހަމަލާގައި މަރުވެ އަދި ޒަހަމްވި ދަރިވަރުން ގިނައެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ވަނީ ކާބުލްގެ ސްކޫލު ކުރިމަތީގައި ދިން ބޮމުގެ ހަމަލާ ކުށްވެރި ކުރައްވާފައެވެ. އެ ހަމަލައިގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ މެސެޖް ފޮނުއްވައި އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ މާހައުލަކީ ދަރިވަރުންނަށާއި، އާންމު ރައްޔިތުންނަށް އަމާން ތަނަކަށް ވުމަކީ ކުރާ އުންމީދެއް ކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފު އަބްދުލްގަނީ ތުހުމަތު ކުރެއްވި ގޮތުގައި މި ނިރުބުވެރި ހަމަލާގެ ފަހަތުގައިވަނީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތެވެ. ނަމަވެސް ތާލިބުންންވަނީ އެކަން ދޮގުކޮށް މި ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށްފައެވެ.