މިއަހަރު ހައްޖުގެ އަޅުކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް ސައުދީ އަރަބިއާއިން އާދިއްތަ ދުވަހު އިއުލާން ކޮށްފިއެވެ.

ސައުދީން އިއުލާން ކުރި ގޮތުގައި މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން ކުރިޔަށް ގެންދަން ނިންމާފައިވަނީ ނޮވެލް ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަން މިއަހަރު ކުރިޔަށް ގެންދަން ނިންމާފައިވަނީ ސިއްހީ ގޮތުންނާއި، ސަލާމަތީ ގޮތުން ހަމަޖައްސާ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ. އަދި އެ ކަނޑައަޅާ އުސޫލު ތަކަކީ ހައްޖުގެ މަނާސިކުތައް ފަސޭހައިން އަދާކުރެވޭނެ ގޮތް ކަށަވަރު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ ސިއްހީ އިދާރާތަކުން ހާލު ބަލައި، އެ ހާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތައްޔާރުވަމުން އަންނަ ކަން ފާހަގަކޮށްފައެވެ. އިންސާނާގެ ސިއްހަތު ރައްކާތެރި ކުރުމަށް އެޅުން ލާޒިމް ފިޔަވަޅުތައް އެޅުމަށް ތައްޔާރު ވަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޮވިޑް ފެތުރުން މަނާކުރުމަށް އަޅާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހައްޖު މޫސުމުގައި އަޅާނެ ފިޔަވަޅުތަކާއި އަމަލު ކުރަން ޖެހޭނެ ގޮތްތަކުގެ ތަފްސީލު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ސައުދީގެ ނޫސްތަކުން ބުނެފައިވެއެވެ.

ހައްޖަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކުނެވެ. އެއީ މާއްދީ ގޮތުންނާއި ސިއްހީ ގޮތުން އެކަން އަދާކުރުމުގެ ގާބިލްކަމާއި ކެރިފޯރުންތެރިކަން ހުރި ފަރާތްތަކަށް އުމުރުން އެއްފަހަރު އަދާކުރުން ވާޖިބު އަޅުކަމެކެވެ. ކޮވިޑް ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރި އިރު ސައުދީއިން ވަނީ ސިއްހީ ރައްކާތެރި ކަމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެކުލަވާލައިފައެވެ. އޭގެ ތެރޭގައި ގެފުޅުގެ އާއި ހަޖަރުލް އަސްވަދުގައި އަތްލުން މަނާކޮށްފައިވެއެވެ.

ސައުދީ އާއި އެހެން ގައުމުތަކުގެ މީހުން ހިމެނޭހެން މީގެ ކުރިން 2.5 މީހުން ހައްޖުވީ ނަމަވެސް، ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވީ 10،000 މީހުންނެވެ.