ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އިސްތިއުފާ ދެއްވައި ގައުމުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ޕާކިސްތާންގެ ޕީޕަލްސް ޕާޓީ (ޕީޕީއީ) ގެ ޗެއާމަން ބިލާވަލް ބޫޓޯ ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް މިފަދައިން ގޮވާލެއްވީ ޕާކިސްތާން ތެހްރީކް އެ އިންސާފް (ޕީޓީއައި) ޕާޓީ އާއި އިންޓަނޭޝަަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ދެމެދުގައި އެކުލަވާލެވުނު އެއްބަސްވުމަކަށް އިޝާރަތް ކޮށްފައެެވެ.

މި ޑީލްގައި ޕާކިސްތާން ބޮޑުވަޒީރަށް ގޯހެއް ހެދުނުކަމަށް އެއްބަސް ވުމަކުން ނުފުދޭނެ ކަމަށް އިދިކޮޅު ޕާޓީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ގައުމުގެ އިގްތިސާދު ހަލާކު ކޮށްފި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ފުރަތަމަ އައިއެމްއެފް ޑީލް ހެދުމަށް އިމްރާން ހާން ދެކޮޅު ހެދި. ޑީލް ލަސް ކުރަމުން ގޮސް ޕާކިސްތާނަށް ގެއްލުންތަކެއް ލިބޭނެ ފަދަ ގޮތަކަށް ޝަރުތުކޮށް ޑީލް ހެދީ. މިހާރު އަނެއްކާ ވެސް ގޯހެއް ހެދުމުގެ މަގާ ދިމާލަށް އެދެވެނީ. އިމްރާން ހާން އަންނަނީ ގޯހަކަށް ފަހު ގޯހެއް ހަދަމުން. އެކަން އެނގި ހުރެ ތަކުރާރު ވެސް ކުރަމުން. މިއީ ދައުލަތުގެ ވެރިޔެއްގެ ހައިސިއްޔަތުން ހުރި މީހެއް، މިއުޅެވެނީ ސުކޫލުގައި ދަރިވަަރަކަށް ނޫން" ޕީޕީޕީގެ ޗެއާމަން ބިލާވަލް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިމްރާން ހާން ނެގި ކަތި ފިޔަވަޅަކުން ގައުމުގެ ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ކަރަންޓާއި، ގޭސް އަދި ޕެޓްރޯލުގެ އަގު ވަނީ އާދައިގެ މީހަކަށް އެ އެއްޗެހި ހޯދުމަށް ދަތިވާވަރަށް އަގުތައް ބޮޑުވެފައެވެ. އިދިކޮޅު ޕާޓީގެ މީހުން ބުނަނީ މި ބަދަލު ގައުމުގެ އިގްތިސާދަށް އައިސްފައި މިވަނީ އައިއެމްއެފް ޑީލުގެ ސަބަބުން ކަމަށެވެ.