ކޮވިޑް-19 ކޮންޓްރޯލްކޮށް ބަލިމަޑުކަމުން އަރައިގަތުމަށް ސްރީލަންކާ އިން ޗައިނާގެ އެހީއަށް އެދިއްޖެ އެވެ.

ސްރީލަންކާ އިން ޗައިނާގެ އެހީއަށް އެދިފައި ވަނީ ލަންކާގައި އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ ބަލި ކޮންޓްރޯލް ކުރުމުގައި އެގައުމުގެ ކަމާބެހޭ އިދާރާތަކަށް ގޮންޖެހުންތައް ކުރިމަތިވުމުންނެވެ. ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕްކްސަ ވަނީ ވެންޓިލޭޓަރާއި އޮކްސިޖަން ފޯރުކޮށްދިނުމަށް ޗައިނާގައި މިހާރު އެދިފައެވެ.

ލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ ޗައިނާގެ އެމްބަސީއާއި ހަވާލަދީ މީޑިޔާއިން ބުނީ ލަންކާގެ ބޮޑުވަޒީރު ޗައިނާގެ އެހީއަށް އެދިފައިވާ ކަމަށާއި އެމްބަސީ އިން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް ލަންކާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ޗައިނާ އެމްބަސީން ބުނީ މި ރީޖަނުގެ ގިނަ ޤައުމުތަކުން ކޮވިޑާއި ހަނގުރާމަކުރަމުންދާ ކަމަށާއި އެހީދިނުމުގައި ލަންކާއަށް އިސްކަން ދެއްވާނޭ ކަމަށެވެ. މިހާރު ދިމާވާ މައްސަލަ އަކީ އަވަހަށް ބޭނުންވާ ތަކެތި ފޯރުކޮށްނުދެވުން ކަމަށް އެމްބަސީ އިން ބުނެއެވެ. ފައިސާ ހުރިކަމުގައިވިޔަސް ތަކެތި ހޯދުމުގައި ފެކްޓަރީގައި ވަގުތު ހޭދަވާނެ ކަމަށް ޗައިނާ އެމްބަސީ އިން ބުނެއެވެ.

އިންޑިޔާ ނޭޕާލް، ބަންގްލަދޭޝްގެ އިތުރުން އަވައްޓެރި އެހެން ޤައުމުތަކުގައި ވެސް ކޮވިޑުގެ ބަލިމަޑުކަން ހަލުވިކަމާއި އެކީ ފެތުރެމުންދާކަން ޗައިނާ އިން ފާހަގަ ކުރެއެވެ.

ޗައިނާ ސަރުކާރުން ބުނީ ކޮވިޑުގެ ބަލިމަޑުކަން ލަންކާއަށް ކުރިމަތިވީއްސުރެ އެޤައުމަށް އެހީތެރިވުމުގައި ޗައިނާ އޮތް ކަމަށެވެ. ޗައިނާ އިން ދާދިފަހުން ވަނީ ލަންކާއަށް ހަލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފަ އެވެ. އަދި ލަންކާއިން ކޮވިޑް ފެނުނު ހިސާބުން ޗައިނާ އިން ވަނީ އެޤައުމަށް މާސްކާއި ކޮވިޑް ޓެސްޓް ކިޓް އަދި މެޑިކަލް ސާމާނު ހަދިޔާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނާ

    ދިވެހިސަރުކާރުން ޗައިނާގެއެހީތެރިކަންނުހޯދާާ މިތިބެނީ ހަމަ އިންޑިއާދެކެގަންނަބިރުންތާ...

  2. ފޮޑް

    ޗައިނާ ރާއްޖެއަށް އެހީވާންވެސް އޮތީތައްޔާރަށް... އިންޑިއާ ކިބައިން ސަލާމަތް ނުވެވިގެން ރާއްޖެ މިތެޅެނީ.... ރައްޔިތުން ހާލުގައި މި ޖެހެނީ... ސަރުކާރުން އަދިވެސް ހޭއަރާކަށް ނުވޭތަ؟