ސްރީލަންކާއިން އިއްޔެ 2،500 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއީ ރިކޯޑެކެވެ. ކޮވިޑް ޕެންޑެމިކް ފެށުނު ފަހުން ލަންކާއިން އެއްދުވަސް ތެރޭގައި ކޮވިޑަށް މިހާ ގިނައިން ފައްސިވި މިއީ ފުރަތަމަ ފަހަރެެވެ.

ލަންކާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެގައުމުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކަނީ 2،672 މީހުންނެވެ. ހޮނިހިރު ދުވަހާއި ހިސާބަށް އެގައުމުން 125,906 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 20,657 މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން ކަމަށް މިނިސްޓްރީން ރިޕޯޓު ކޮށްފައިވެއެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 104،463 އެވެ.

އަދި މިހާރު އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް ވައްތަރެއް ލަންކާގައި ދަނީ ފެތުރެމުންނެވެ.މިއާއެކު މިހާތަނަށް އެގައުމުން ފެނިފައިވާ ކޮވިޑް ވައްތަރުތަކުގެ އަދަދު ވަނީ ހައަކަށް އަރާފައެވެ. ޖެޔާޑެވެނަޕޫރަ ޔުނިވާސިޓީގެ އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ މެޑިސިން ޑިޕާޓުމެންޓުގެ ޑިރެކްޓަރު ވަނީ މިހާތަނަށް އެގައުމުން ފެނުނު ވައްތަރުތަކާއި، އެ ވައްތަރުތައް ދެނެގަނެވިފައިވާ ސަރަހައްދުތައް ކިޔައިދީފައެވެ.

އެގޮތުން އިނގިރޭސި ވިލާތުން އެންމެ ފުރަތަމަ ފެނުނު ބީ.1.1.7 ވައްތަރުތައް ފެނިފައިވާ ކަމަށް ބުނެފައިވަނީ ކޮލަމްބޯ، ކުރުނެގަލާ، ކާލުތަރާ، ކެންޑީ، ޕޮލޮންނަރުވާ އަދި މަންނާރުންނެވެ.

އޭގެ އިތުރުން ޑެންމާކާއި، ޔޫރަޕް އަދި މެދު އިރުމަތީގެ ގައުމުތަކުން ފެނިފައިވާ ބީ1.428 ވަނީ ސްރީލަންކާގެ ޖަފްނާއިން ފެނިފައެވެ

ސްރީލަންކާއިން ފެނިފައިވާ ވައްތަރުތައް ދެނެގަނެވިފައިވަނީ ބައްޓިކާލޯ އަދި ކޮލަމްބޯއިންނެވެ. މީގެ އިތުރުން ނައިޖީރިއާއިން ފެނިފައިވާ ބީ1.525 ވައްތަރުތައް ވެސް ކޮލަމްބޯއިން ފެނިފައިވެއެވެ. އިންޑިއާ ވައްތަރު ބީ1.617 ކޮލަމްބޯގެ ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން ފެނިފައިވާއިރު، އުތުރު އެފްރިކާއިން ފެނުނު ބީ1.351 ވައްތަރުފެނިފައިވަނީ ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަަލަކުންނެވެ.

ސްރީލަންކާގައި މި ވައްތަރުތައް ފެތުރެން ފެށުމާއި އެކު އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިސޮރު

    މި ރައްޖޭން ވައްތަރުތައް ނުހޯދޭ ކީއްކުރާ ބައެއްމި މޫނާ

  2. އިބްރާހީމް

    ސަރުކާރުގެ އެހީތެރިކަމާއި އެކު ލަންކާގައި ކިޔަންތިބި ދިވެހި ދަރިވަރުންނަށާއި އެކުދިންގެ އާއިލާތަކަށް ވެކްސިން ދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އާދޭސް ދަންނަވަން. ރާއްޖޭގައި ދިރިއުޅޭ ވަކިނަސްލެއް ޤައުމެއް ބެލުމެއްނެތި އެކަން ތިކުރައްވާފަދައިން މިއީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިލައްވާ! ޕްލީޒް!!!!