އިސްރާއީލް ސިފައިންނާއި ރައްޔިތުން ފަލަސްތީނުގެ މީހުންގެ މައްޗަށް ގަދަވެގެން ދެމުން އަންނަ ހަމަލާގައި މިހާތަނަށް 215 މީހަކު ޒަހަމްވެ، ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނެފިއެވެ.

ގުދުސްގައި މި ހަމަނުޖެހުން ހިނގަމުން އަންނައިރު، މިމަހުގެ އަށް ވަނަ ދުވަހު ވެސް މަސްޖިދުލް އަގްސާއަށް އިޒްރާއިލް ސިފައިން ދިން ހަމަލައިގައި އެތަށް ބަޔަކު ވަނީ ޒަހަމް ވެފައެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ މީހުން ވެސް ހިމެނެއެވެ.

އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުން ކުރިމަތި ލުމަކަށް ގޮސްފައިވަނީ ގަދީމީ ސަހަރުގައެވެ. ހަމަނުޖެހުމަށް ތައްޔާރު ވެގެން ތިބި އިސްރާއީލް ސިފައިން ސްޓަން ގްރެނޭޑާއި އެކު ފަލަސްތީނު ޒުވާނުންނާއި ދެކޮޅަށް ވަނީ ހަމަ ނުޖެހުން ހިންގާފައެވެ.

ހަމަލާ ބަދަލު ކުރުމުގެ ގޮތުން ފަލަސްތީނު ޒުވާނުން ވަނީ އިސްރާއީލް ސިފައިންނާއި ދިމާލަށް ގާ އުކާފައެވެ. އިސްރާއީލުން މައުލޫމާތު ދީފައިވާ ގޮތުން މި ހަމަލައިގައި އިސްރާއީލްގެ ސިފައިންގެ ބަޔަކަށް ވެސް ވަނީ އަނިޔާވެފައެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓުން މައުލޫމާތު ދޭ ގޮތުގައި މިހާރު ހިނގަމުން އަންނަ ހަމަލާގައި 215 މީހަކު ވަނީ ޒަހަމްވެފައެވެ. އޭގެ ތެރޭގައި 153 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.

ރެޑްކްރެސެންޓުން ބުނީ، މަސްޖިދުލް އަގްސާގެ ތެރޭގައި ތިބި މީހުންނަށް ދިން ހަމަލާގައި ބައެއް ފަރާތްތަކަށް ނޭވާލާން އުނދަގޫ ވެގެން އުޅެނީ ބޭނުން ކުރި ކަރުނަ ގޭހުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު