ކޮވިޑް-19އާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ބުދަ ދުވަހުން ފެށިގެން 27 ދުވަހުގެ މުއްދަތަކަށް މެލޭޝިއާ ފުރަބަންދު ކޮށްފިއެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ގައުމު ފުރަބަންދު ކުރީ ކޮވިޑްގެ ވޭދަނަތައް އިތުރުވަމުން ދާތީ ކަމަށެވެ. މެލޭޝިއާގެ ބޮޑުވަޒީރު މުހިއްދީން ޔާސީން ވިދާޅުވީ އެގައުމުން ދުވާލެއްގެ މައްޗަށް މިހާރު 4،000 އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑަށް ފައްސި ވަމުންދާ ކަމަށެވެ. އެއާއި އެކު އެގައުމުން މިހާތަނަށް ކޮވިޑު ޖެހި ބަލިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު ވަނީ 37,396 އަށް އަރާފައެވެ.

ކޮވިޑުގެ ތިންވަނަ ރާޅާއި އެކު ގައުމުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވާން ފެށުމުން ބޮޑުވަޒީރު ނިންމެވީ ގައުމު ފުރަބަންދަކަށް ދާށެވެ. ޔާސީން ވިދާޅުވީ މި ނިންމުމަކީ ގައުމުގެ ސެކިއުރިޓީ ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިހާރު މެލޭޝިއާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ކޮވިޑުގެ އެކި ވައްތަރުތައް މެލޭޝިއާގައި ފެތުރެމުން ދިއުމާއި އެކު ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއެވެ. މި ދަނޑިވަޅުގައި ސިއްހީ ހާލަތު ދަށަށް ދާކަމަށް ޔާސީން ވިދާޅުވިއެވެ.

މެލޭޝިއާ ފުރަބަންދު ކުރަން ނިންމާފައިވަނީ މޭ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި އެގައުމުން 3,807 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. މިހާތަނަށް އެގައުމުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމުލަ އަދަދު ވަނީ 444,484 އަށް އަރާފައެެވެ. އަދި އެގައުމުން މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 1,700 އެވެ.