އަޤުޞާ މިސްކިތުގައި މިރޭ އިޝާނަމާދު ކުރަން ތިބި ފަލަސްތީން މީހުންގެ ގަޔަށް އިސްރާއީލް ސިފައިން ރަބަރު ވަޒަން ޖަހައި ބައެއް މީހުން ޒަހަމް ކޮށްލައިފިއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އަޤުޞާ މިސްކިތުގައި އިޝާނަމާދު ކުރަން ތިބި މީހުންގެ ގަޔަށް އިސްރާއީލް ސިފައިން ރަބަރު ވަޒަން ޖެހުމުން ތިން މީހަކު ޒަހަމް ވެގެން ފަރުވާ ދޭން ޖެހިފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އިސްރާއީލް ސިފައިންގެ މިހަމަލާގައި އިތުރު ބައެއް މީހުން ވެސް ޒަހަމްވެފައިވުން އެކަށީގެންވާ ކަމަށް ފަލަސްތީންގެ މީޑިއާތަކުން ބުނެއެވެ.

ފަލަސްތީންގެ މަސްރަހު މިހާރު ހޫނުވެފައި ވަނީވެސް މިދިޔަ ހޯމަ ދުވަހު އަޤުޞާ މިސްކިތުގެ ތެރެއަށް އިސްރާއީލް ސިފައިން ވަދެގަނެ ގިނަ އަދަދެއްގެ މުސްލިމުންނަށް ހަމަލާދީ، 300 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލުމުންނެވެ.

އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް އިސްރާއީލް ސިފައިން މިރޭ ހަމަލާ ދިނުމުން ފަލަސްތީންގެ ގިނަ ބަޔަކު ވަނީ އޮއްގަލާއި، އެފަދަ އެހެން ތަކެތިން އިސްރާއީލް ސިފައިންނާއި ކުރިމަތިލާފައެވެ. ފަލަސްތީން މީހުން ހުއްޓުވަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދެއްގެ ކަރުނަގޭސް ޖަހާފައެވެ.

ފަލަސްތީން މީހުންނާއި މެދު އިސްރާއީލުން މިހާރު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ކުރިއަށް ގެންދާނަމަ ފަލަސްތީންގައި ތިންވަނަ އިންތިފާޟާއެއް ފެށިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިސްރާއީލްގެ އަމަލުތައް ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ކުއްވެރިކޮށްފައެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވަނީ އިސްރާއީލްގެ އަނިޔާވެރި ސިޔާސަތު ދިފާއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަންސުރު

    މީ އެންމެ ބޮޑެތި ޓެރަރިސްޓުން..އިޒްރޭލް ސިފައިން...މިފަދަ ލާއިންސާނީ ޖަރީމާތަށް ހިންގާއިރުވެސް މިމީހުންނާ ދިމާލަށް ޓެރަރިސްޓުންނޭ ބުނެލާނެ ބަޔަކުނުވޭ....