އެމެރިކާގައި އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ ހަކަތައިގެ ޕައިޕްލައިނަށް އަމާޒުކޮށް ސައިބާ ސެކިއުރިޓީ ހަމަލާއެއް ދީފިއެވެ. މިއާއެކު ސައިބާ ހަމަލާ އަމާޒުވި ޕައިޕްލައިންގެ ނެޓްވޯކް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސައިބާ ހަމަލާ އަމާޒުވި ކޮލޯނިއަލް ޕައިޕްލައިނަކީ ދުވާލެއްގެ މައްޗަށް 2.5 މިލިއަން ފީފާގެ ޑީސެލް، ގެސޮލިން އަދި ޖެޓްފިއުލް އުފުލާ ޕައިޕްލައިންއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އީސްޓް ކޯސްޓް ސަރަހައްދަށް އުފުލާ ހަކަތައިގެ 45 އިންސައްތަ ދަތުރުކުރަނީ މި ޕައިޕްލައިން މެދުވެރިކޮށެވެ.

ހުކުރު ދުވަހު ޕައިޕްލައިނަށް ދިން ހަމަލާއާ ގުޅިގެން މަސައްކަތް މުޅިން ހުއްޓުމަކަށް އައިސްފައިވާ އިރު، ހިދުމަތް އިއާދަ ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގައި މި ޕައިޕްލައިންގެ ހިދުމަތް ނުދެވި ބަންދުވެފައި މާ ގިނަ ދުވަސް ވާނަމަ ހަކަތައިގެ އަގުތައް އުފުލިދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކޮށްފައިވެއެވެ. މިކަން ހުއްޓުމަކަށް އައިސް މާ ގިނަ ދުވަސްވާ ނަމަ ގައުމުގެ ހާލަތު ގޯސްވެދާނެ ކަމަށް ލަފާކުރެއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕައިޕްލައިނަށް ހަމަލާ ދީފައިވަނީ ޑާކްސައިޑްގެ ނަމުގައި ހަރަކާތްތެރިވާ ކުށްވެރިންގެ ގުރޫޕަކުން ކަމަށެވެ. އެމީހުން ވަނީ މަލްވެއާއެއް ބޭނުން ކޮށްގެން މައުލޫމާތުތަކެއް ހިސާރު ކޮށްފައި ކަމަށް ކުންފުނިން ބުނެފައިވެއެވެ. މައުލޫމާތު ބޭނުންވާނަމަ ކުންފުނިން އެމީހުންނަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނެ ޑާކްސައިޑުން އަންނަނީ ކުންފުންޏަށް ބިރު ދައްކަމުންނެވެ. މައުލޫމާތުތަކަށް ނުވަދެވޭގޮތަށް ތަޅުލައިފައިވާއިރު، މާލީ ގޮތުން ޑާކްސައިޑަށް ފައިދާއެއް ނުދީފިނަމަ އިންޓަނެޓަށް މައުލޫމާތުތައްް ލީކު ކުރާނެ ކަމަށް އެ ގުރޫޕުން ބުނެފައިވެއެވެ.