އިސްރާއީލުން ޣައްޒާއަށް އިއްޔެ ދިން ހަމަލާގައި ޝަހީދުވި ނުވަ ކުދިންގެ ތެރެއިން ދެކުއްޖަކު ޝަހީދުވީ މަގުމަތީ ކުޅެން ތިއްބާ އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއް އަމާޒުވެގެން ކަމަށް އެކުދިންގެ އާއިލާ އިން ބުނެފިއެވެ.

އިސްރާއީލުން އިއްޔެ އާއި ރޭގެ އެކި ވަގުތުތަކުގައި ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީންގެ 22 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެމީހަކާއި ނުވަ ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީންގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޣައްޒާ އިން ޝަހީދުވި ކުދިންގެ ތެރެއިން ދެކުއްޖެއްގެ އާއިލާ އިން ބުނީ އެމީހުންގެ އާއިލާގެ 11 އަހަރުގެ ކުއްޖެއް ކަމަށްވާ އިބްރާހިމް އާއި ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ މަރުވާން ޝަހީދުވީ ޣައްޒާގެ އުތުރުގައި އެމީހުން ދިރިއުޅޭ ގޭގެ ކައިރީ މަގުމަތީ ކުޅެން ތިއްބާ ކުއްލިއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ.

"އެކުދިން ތިބީ ގޭ ދޮރުމައްޗަށް ވާގޮތައް ކުޅެން. އިތުރު ބައެއް ކުދިން ވެސް އެސަރަހައްދުގައި ކުޅެން ތިބި. އިސްރާއީލުން ވަނީ އެކުދިންނަށް އަމާޒުކޮށް ދެހަމަލާއެއް ފޮނުވާލާފައި. އެދެހަމަލާ އަމާޒުވީ އިބްރާހިމާއި މަރުވާނަށް." ޝަހީދުވި ކުދިންގެ ބައްޕަ ކަމަށްވާ ޔޫސުފް "މިޑްލް އީސްޓް އައި" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ޔޫސުފް ބުނީ ޣައްޒާގެ ބައިބޯ ސަރަހައްދުތަކުގައި ކުޑަކުދިން ގެކައިރިއަށް ނިކުމެ މަގުމަތީގައި ކުޅެން ތިބުމަކީ އާއްމު ކަމެކެވެ. އެފަދަ ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާދެނީ ގަސްދުގައި ކުޑަކުދިންނަށް އަމާޒުކޮށް ކަމަށް ޔޫސުފް ބުންޏެވެ. އޭނާ ބުނީ މިއީ ފަލަސްތީންގެ ޖީލެއް ނެތިކޮށްލުމަށް އިސްރާއީލުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އިއްޔެ ޣައްޒާއަށް އިރުއޮއްސުނު ވަގުތު ރޯދަ ވިއްލަން ތިއްބާ ވެސް އިސްރާއީލުން ހަމަލާތައްދީ ބައެއް މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ޝަހީދުވި 22 މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މެންބަރުން ވެސް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން ދަނީ ހަމާސް ޖަމާއަތުގެ އަމާޒުތަކަށް ކަމަށް ބުނި ނަމަވެސް ޣައްޒާގެ އާއްމުން ބުނާ ގޮތުގައި އިސްރާއީލުން ހަމަލާތައް ދެމުން ދަނީ ހަމާސްގެ އަމާޒުތަކަކަށް ނޫނެވެ. އިސްރާއީލްގެ އަމާޒަކަށް ހަދާފައި ވަނީ ޣައްޒާގެ ރައްޔިތުން ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާލުގެ ދުލުން

    މުޅި ދުނިޔޭގަވެސް ނޫޅޭނެ މިހާ ހަޔާތްކުޑަ ރަހުމްކުޑަ ބައެއް..މިމީހުންގެ ހިތްތަކަކީވެސް ޤުރްއާނުގަ ސިފަކޮށްދީފަވާފަދައިން ހިލަޔަށްވުރެ ހަރު ހިތްތަކެއް..ސިއްކަ ޖެހެވިގެންވާ ރަހުމެއް ނެތް ހިތްތަކެއް..

    31
  2. ޙަސަނު

    ހެޔޮނުވާނެ ތިހެން ހަދާކަށް.. ތި ތުއްތު ކުދިންގެ ކުށަކީ ކޮބައިބާ؟؟؟؟

    32
  3. އިހްސާސް

    ހިތް ފަޅައިގެންދާފަދަ އަމަލްތައް މިހުންނަނީ އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރެއްވެސް މިމީހުންގެނެތް. އަހަރެމެންގެ އަޙްންނާއި އުޙްތުން ފަލަސްތީންއެފަދަ ހާލަތެއްގަ ތިބޭއިރު އަހަރެން މިތިބެންޖެހްނީ އެއްކަމެއްވެސް ނުކުރެވި.. ފަލަސްތީންގެ އަޙްންނާއި އުޙްތުން ކެއްތެރިކަން ދެއްވާ ނަސްރް ދެއްވާށި..