ޗަައިނާގެ ލޮންގްޗިންގް އަވަށުގެ ރިސޯޓެއްގައި ޕިޔަން ފަރުބަދައަށް ދިޔުމަށް އަޅާފައިވާ ބިއްލޫރި ބުރިޖެއް ހަލާކުވެއްޖެއެވެ. މި ބުރިޖު ހަލާކުވިއިރު ބުރިޖު މަތީގައި މީހަކު ހުރި ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

330 ފޫޓު އުހުގައި ހުންނަ މި ބުރިޖު ހަލާކުވުމުން އޭގައި ހުރި މީހާ ސަލާމަތްވުމަށް ކުރި މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގެ މަންޒަރު ދައްކުވައިދޭ މި ވީޑިއޯއިން ފެންނަނީ ގަދަވައިގެ ސަބަބުން ބުރިޖުގެ ބައެއް ބިއްލޫރިތައް ހަލާކުވެފައިވާ މަންޒަރެވެ. އަދި ބުރިޖު މަތީގައި އެވަގުތު ހުރި މީހާ އޮފިޝަލުންގެ އިރުޝާދާއި އެކު ފިރުކެމުން ބުރިޖުން ފޭބުމަށް މަސައްކަތް ކުރާ މަންޒަރެވެ.

ބުރިޖު މަތީގައި ހުރި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭނާ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ އެމީހާ ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޕިޔާން ފަރުބަދައިގެ ސަރަހައްދު ބަންދުކޮށް ބުރިޖުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

2016 ވަނަ އަހަރު ވެސް ޗައިނާގައި ވަނީ މިފަދަ ހާދިސާއެއް ކުރިމަތިވެފައެވެ. ޗައިނާގެ ޔުނާންގައި އެޅުނު ދުނިޔޭގެ އެންމެ ދިގު ބިއްލޫރި ބުރިޖު ހުޅުވުނުތާ 13 ދުވަސްފަހުން ވަނީ އެއްކޮށް ބަންދު ކުރަން ޖެހިފައެވެ.

ބުރިޖުގެ ބައެއް ބިއްލޫރިތައް ހަލާކުވެ އެކަކު މަރުވެ ހަ މީހަކަށް އަނިޔާވުމާއި ގުޅިގެން މި ބުރިޖު އެއްކޮށް ބަންދުކުރެވުނެވެ. ބިއްލޫރިތައް ހަލާކުވެފައިވަނީ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު