ރަޝިއާގެ ކަޒާން ސިޓީގެ ސުކޫލެއްގައި ބަޑިން ހަމަލާތަކެއް ބަދަލުކޮށް 11 މީހަކު މަރާލައިފިއެވެ. މި ހަމަލާގައި އަނިޔާވި އިތުރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާގައި މަރުވި 11 މީހުންގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ. ބަޑިން ހަމަލާ ދިން ކަމުގެ ތުހުމަތު ކޮށްފައިވަނީ ދެމީހެއްގެ މައްޗަށެވެ. ނަމަވެސް، ފަހުގެ ރިޕޯޓުތަކުގައި ބުނެފައިވަނީ ހަމަލާ ދިންކަމަށް ތުހުމަތު ކުރެވެނީ އެންމެ މީހެއް ކަމަށެވެ. އެއީ 19 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ އަކީ ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮންނަ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ނަމަ މިހާރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހަމަލާ ދިން ވަގުތުގެ ސީސީޓީވީ ފޫޓޭޖެއް މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެނިގެންދަނީ ސަލާމަތްކަން ހޯދުމަށް ދަރިވަރުންތައް ސުކޫލު އިމާރާތުގެ ކުޑަދޮރުން ބޭރަށް ފުންމަމުންދާ މަންޒަރެވެ.

ސުކޫލަށް ދިން ހަމަލާގައި އިތުރު މީހަކު ބައިވެރިވެފައިވީ ނަމަވެސް، އޭނާއަށް ފިލައިގެން ސުކޫލުން ބޭރަށް ނުކުންނާނެ ފުރުސަތެއް ލިބިފައިނުވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބަޑި ޖަހަން ފެށި ވަގުތު ފުލުހުންނަށް ލިބުނު މައުލޫމާތާއި އެކު، ފުލުހުންގެ ޓީމެއް ހަތިޔާރާއި އެކު އެ ސަރަހައްދައް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުކޫލު ހުރި ސަރަހައްދު މިހާރު ވަނީ ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ދިނީ ޓެރަރިސްޓް ހަމަލާ އެކެވެ. މީޑިޔާތަކުން އެހެން ބުނަން ނުކެރެއެވެ. އެއީމުސްލިމް ނަމެއް ކިޔާމީހަކު ހަމަލާގައި ބައިވެރި ނުވާތީ ކަމަށް ވެދާނެ އެވެ.

    8
    1