ކޮވިޑު ޖެހިފައިވާ މީހުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް އިންޑިއާގެ ނާގްޕޫރުގައި އަޅައިދިނުމަށް އެކްޓަރު ގުރްމީތު ޗައުދަރީ ވައުދުވެފައިވާ ހޮސްޕިޓަލު ހުޅުވައި އެތަނުގައި ފަރުވާ ދޭން ފަށައިފިއެވެ.

ގުރްމީތުގެ މީސް މީޑިއާ އެކައުންޓުތަކުގައި މި ޚަބަރު ހިއްސާކޮށް އޭނާ ބުނެފައިވަނީ ބޮޑެތި ހޮސްޕިޓަލުތަކުން ފަރުވާ ހޯދުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެ ހޮސްޕިޓަލުން ކޮވިޑަށް ފަރުވާ ކުރެވޭނެ ކަމަށެވެ.

ކޮވިޑު ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ގުރްމީތު ދެކެމުން އައި ހޮސްޕިޓަލުގެ ކަންތައް ފުރިހަމަވެ އެތަނުގައި މަސައްކަތް ކުރަން ފެށުމުން އުފާވެފައި ހުރި ގުރްމީތު ބުނެފައިވަނީ މިފަދަ އިތުރު ހޮސްޕިޓަލްތައް އަދި ވެސް ވަރަށް މުހިންމު ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ހޮސްޕިޓަލާ ގުޅުމަށް ވެސް ގުރްމީތުގެ ޕޯސްޓުގައިވެއެވެ.

ގުރްމީތުގެ މި ޕޯސްޓުގައި އޭނާއަށް މިކަމުގައި އެހީތެރިކަން ލިބިގެންދިޔަ އެތައް ޑޮކްޓަރުންނެއް ޓެގްކޮށް އެމީހުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ހޮސްޕިޓަލު އަޅައި ހިލޭ ފަރުވާ ދިނުމުގެ އިތުރަށް ގުރްމީތު ދަނީ ޕްލާސްމާއާއި އޮކްސިޖަން ބޭނުންވާ ފަރާތްތަކަށް ވެސް އެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުރްމީތުގެ މި މަސައްކަތަށް ޝުކުރުވެރިވެ ކޮމެންޓް ކޮށްފައިވާ ފަރާތްތަކަށް އޭނާ ބުނެފައިވަނީ އެހެން މީހުންނަށް އެހީތެރިވުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށާއި އަދި އެއީ އޭނާގެ ޒިންމާއެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭން

    "މާން" ހާދަ ރަނގަޅޭ..

    14