އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރަމުން އަންނީ ހުއްދަ ދީފައިނުވާ އަދި ހާލަތާއި ނުބައްދަލު ބާރުތަކެއް ކަމަށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރަމުން އަންނަ އެމްނެސްޓީ ގުރޫޕުން ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ އެމްނެސްޓީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއިލްގެ ސިފައިން ވަނީ ފަލަސްތީނުގެ މުޒާހަރާވެރިންނާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައެވެ. އަދި މިކަން އަންނަނީ ތަކުރާރު ވަމުން ކަމަށާއި، މަސްޖިދުލް އަގްސާއަށް އިސްރާއިލް ސިފައިން ވަދެ މިސްކިތުގެ ސަފުތައް ބުރުވާލުމަށް ފަހު ހަމަނުޖެހުން ހިންގާފައިވާކަމަށް ބުނެފައިވެއެވެ.

އެމްނެސްޓީ ގުރޫޕުގެ މެދު އިރުމަތީގެ ޑެޕިއުޓީ ޑިރެކްޓަރ، ސަލާހް ހިގާޒީ ވިދާޅުވީ އިސްރާއިލުން އަމިއްލަ ހައްގުތައް ހޯދާއި، ރައްކާތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ. ފަލަސްތީނުގެ މައްޗަށް އިސްރާއިލަށް ގަދަވެވި، ބާރުގެ ބޭނުން ކޮށް، ވަރުގަދަ ހަމަލާތައް ދިނުމަކީ އިސްރާއިލް ސިފައިން ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.

އިސްރާއިލުގެ ކަމާއި ބެހޭ ފަރާތްތަކުން އިސްރާއިލް ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އެގެންދާ އަނިޔާވެރިކަން ހުއްޓުވަން ޖެހޭ ކަމަށް އެމްނެސްޓީ ގުރޫޕުން ގޮވާލައިފައިވެެއެވެ.

އިސްރާއިލުން އަންނަނީ ގައްޒާއަށް ވެސް ހަމަލާ ދެމުންނެވެ. ގައްޒާގެ ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވާ ގޮތުން މިހާތަނަށް އިސްރާއިލުގެ އަތްދަށުވެ، އެމީހުންގެ ހަމަލާތަކުން ޒަހަމްވި މީހުންގެ އަދަދު 103 އަށް އަރާފައިވާއިރު، ހަމަލާތަކުގެ ސަބަބުން 24 މީހަކު މަރުވެފައިވެއެވެ. މިއީ ރޭ އިސްރާއިލް ސިފައިން ނުކުމެ ހިންގި ޖަރީމާގެ ހިތި ނަތީޖާއެވެ.