އިޓަލީގެ ހޮސްޕިޓަލަކުން އޮޅިގެން އަންހެނަކަށް ހަ ޑޯ ވެކްސިން ދީފި އެވެ. 23 އަހަރުގެ އަންހެނަކަށް ދާދި ފަހުން ހޮސްޕިޓަލަކުން އޮޅިގެން ހަ ޑޯޒް ވެކްސިން ދީފައިވާއިރު، އެ އަންހެން މީހާގެ ހާލަތު މޮނިޓަރ ކުރުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ސެންޓްރަލް އިޓަލީގެ ޓަސްކެނީގައި ހުންނަ ނޯއާ ހޮސްޕިޓަލުގައި ހިނގި މި ހާދިސާގައި ވެކްސިން ދެވުނު އަންހެން މީހާ 24 ގަޑިއިރުވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށް އޭނާގެ ހާލު މޮނީޓަރ ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ވަހަކަ ދައްކަވަމުން ނޯއާ ހޮސްޕިޓަލުގެ ތަރުޖަމާނު މީޑިޔަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަންހެން މީހާ އަށް ވެކްސިން ދެވުނީ ނަރުސް ކުއްޖާ އަށް އެއްފަހަރާ ވެކްސިން ފުޅީގައި ހުރި ހުރިހާ ވެކްސިނެއް އިންޖިކްޝަނަށް އަޅައިގެން 23 އަހަރުގެ ކުއްޖާއަށް ދެވިގެން ކަމަށެވެ.

ނޯއާ ހޮސްޕިޓަލުން ބުނީ 23 އަހަރުގެ ކުއްޖާ އަކީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ އިންޓާން އެއް ކަމުގައި ވުމުން އެ ކުއްޖާއަށް ވެކްސިން ދިނުމުގައި އިސްކަން ދެވުނު ކަމަށެވެ.

މިހާދިސާ ހިނގިގޮތް މިހާރު ބަލަމުން އަންނަ ކަމަށް ނޯއާ ހޮސްޕިޓަލުން ބުނެއެވެ. އޭޕްރީލް މަހުގެ ކުރީކޮޅު އިޓަލީގެ ސަރުކާރުން ވަނީ އެޤައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ވެކްސިން ޖެހުމަށް މަޖުބޫރު ކޮށްފަ އެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްވެސް ސަރުކާރުން ނިންމާފައި ވެއެވެ.

އިޓަލީގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ވެކްސިން ޖެހުމަށް މަޖުބޫރުކޮށްފައި ވަނީ އެންމެންގެ ރައްކަލަކަށް ކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.