ފަލަސްތީންގެ މުޖާހިދުން އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ އެކަކު މަރާލައިފިއެވެ.

އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮކެޓް ހަމަލާގައި މަރުވެފައި ވަނީ އިސްރާއީލްގެ އަންހެނެކެވެ. މިއީ މިއަދު ފަލަސްތީން މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިސްރާއީލްގެ ތިންވަނަ މީހާއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިރޭ ޣައްޒާއިން އިސްރާއީލަށް ފޮނުވާލި ހަމަލާތަކުގައި އަށް މީހަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލަށް އަމާޒުކޮށް ޣައްޒާ އިން މިހާތަނަށް 600 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ފޮނުވާލާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަ ރޮކެޓް ހަމަލާތައް ވަނީ އިސްރާއީލްގެ މިސައިލުން ދިފާއުވާ ނިޒާމުން ވައްޓާލާފައެވެ.

ޣައްޒާގެ މުޖާހިދުންގެ ހަމަލާތަކާއި ގުޅިގެން އިސްރާއީލަށް ވަނީ ވަރަށް ބޮޑުބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިފައިއެވެ. ރޮކެޓް ހަމަލާތައް އަމާޒުވެދާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ ބިންގަރާސްތަކަށް ފައިބާފައެވެ. އިސްރާއީލްގެ ހުރިހާ ސަރަހައްދެއްގައި ވެސް މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ބިންގަރާސްތައް ހަދާފައި ހުރެއެވެ.