އެންމެ ފުރަތަމަ އިންޑިއާއިން ދެނެގަނެވިފައިވާ ކޮވިޑް ވޭރިއެންޓް މިހާރު އެތައް ގައުމަކުން ފެނިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އިންޑިއާާއިން ދެނެގަނެވިފައިވާ ބީ.1.617 ވޭރިއެންޓް ފެނިފައިވާއިރު، ޑަބްލިއުއެޗްއޯ އިން ބުނަމުންދަނީ އިންޑިއާ ވޭރިއެންޓަކީ ހުރިހާ ގައުމެއްގެ މީހުން އެއަށް ސަމާލުވާންވީ ވޭރިއަންޓެއް ކަމަށެވެ. މިހާތަނަށް ދެނެގަނެވިފައިވާ އެހެން ވޭރިއެންޓްތަކާ އަޅާ ކިޔާއިރު ބީ.1.617 ވޭރިއެންޓަކީ ފެތުރޭލެއް އަވަސް އެއްޗެއް ކަމަށްވެއެވެ.

މިއަދު އދ،ހެލްތް އެޖެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ބީ.1.617 ވޭރިއެންޓް މިހާތަނަށް 4،500 ސާމްޕަލް އަކުން ދެނެގަނެވިފައިވާ ކަމަށާއި، އެއީ 44 ގައުމަކުން ކަމަށެވެ. އިތުރު ހަ ގައުމަކުން ބީ.1.617 ވޭރިއެންޓް ދެނެގަނެވުނު ހަބަރު މި ހަފްތާ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމުއްޔާއަށް ލިބުނު ކަން އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

އިނގިރޭސި ވިލާތުން ވަނީ މި ވޭރިއެންޓް ފެތުރެން ފެށުމާއި އެކު ގިނަ ބަޔަކު ބައްޔަށް ހުށަހެޅިފައެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވޭރިއެންޓް ތަކުގެ ތެރޭގައި އިންޑިއާ ވޭރިއެންޓްގެ އިތުރުން އުތުރު އެފްރިކާއިން ދެނެގަނެވުނު ވައްތަރާއި، ލަންކާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ވޭރިއެންޓް އަދި ބްރެޒިލް ވޭރިއެންޓް ހިމެނެއެވެ.

އިންޑިއާގައި ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހެމުން ދާއިރު، ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 500 މިލިއަން އަށް ވުރެ ގިނަ ވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 159 މިލިއަނަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދަކީ 3.31 މިލިއަނެވެ.

 

ކިޔުންތެރިންގެ ހިޔާލު