ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއިލަށް ދިން ރޮކެޓު ހަމަލާ ތަކެއްގައި އެގައުމުގެ ސިނާއީ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިސްރާއިލްގެ ކަމާއިބެހޭ އިދާރާތަކުން ރިޕޯޓު ކޮށްފައިވަނީ މިއަދު ޣައްޒާއިން ދިން ރޮކެޓު ހަމަލާތައް އަމާޒުވެފައިވަނީ އެގައުމުގެ ސިނާއީ ސަރަހައްދަކަށް ކަމަށާއި، ހަކަތަ އުފައްދާ މަރުކަޒެއްގައި ވަރަށް ބޮޑަށް ރޯވެފައިވާކަމަށެވެ. ޣައްޒާގައި ތިބި ފަލަސްތީނުގެ މުޖާހިދުންގެ ގުރޫޕް ހަމާސް އިން ބުނަމުން އަންނަނީ ޣައްޒާގެ ރައްޔިތުންނަށާއި، ފަލަސްތީނުގައި ހުރި މަސްޖިދުލް އަގްސާއަށް ވަދެ ހަމަނުޖެހުން ހިންގުމުގެ ބަދަލު ހިތި ގޮތަކަށް އިސްރާއިލަށް ދޭނެ ކަމަށެވެ.

ހަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ހަނގުރާމަވެރި ފައުޖުތަކުން ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކަށް ބަދަލުހިފުމަށް 130 ރޮކެޓު އިސްރާއިލުގެ ވެރި ރަށް ތެލްއަވީވަށް އަމާޒުކޮށް ފޮނުވާފައިވާކަމަށެވެ. ހަމާސް އިން ދިން ހަމަލާތަކުގެ ސަބަބު އިސްރާއިލްގެ ބައެއް އިމާރާތްތަކަށާއި، ގިނަ އުޅަނދު ތަކަކަށް ގެއްލުން ވެފައިވެއެވެ.

އިސްރާއިލުން ޣައްސާއަށް ދިން ވައިގެ ހަމަލާއެއްގެ ސަބަބުން ބައެއް އުސް އިމާރާތްތަށް ބިމާ ހަމަވެފައިވެެއެވެ. އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުން ފަލަސްތީނުގެ 36 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިއްހީ އިދާރާއަކުން ރިޕޯޓު ކުރެއެވެ. ހުއްޓުމެއް ނެތި އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޒަހަމްވި ފަލަސްތީނު މީހުންގެ އަދަދު 700 އަށް ވުރެ އިތުރެވެ.

ފަލަސްތީނުން ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ސަބަބުން އަދި މިހާތަނަށް އިސްރާއީލުން މަރުވެފައި ވަނީ ފަސް މީހުންނެވެ. އިސްރާއީލަށް ރޮކެޓް ހަމަލާތައް އަމާޒުވަމުން ދާތީ މިއަދު އިސްރާއީލްގެ ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އދ.އިންނާއި މިސްރުން ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން ނޫނެކޭ ބުނެފައިވާ ކަމަށް މިއަދު މީޑިއާ ރިޕޯޓްތައް ބުނެއެވެ.